އޮމާންގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ޤައުމީ ބީޗް ހޭންޑްބޯލް ޓީމް މާދަމާ ފުރުމަށް ހަމަޖެހިއްޖެއެވެ.

މެއި 6 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަން ވާދަކުރަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޓީމެކެވެ. މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޓީމު އެކުލަވާލައި ޓީމުގެ ފަރިތަކުރުންތައްވެސް ކުރިޔަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީގައެވެ.

Ad
rt

ހޭންޑްބޯލް އެސޯސިއޭޝަން އިން ފާހަގަކޮށް ބުނެފައިވަނީ މިފަދަ ޓީމެއް އެކުލަވާލަން ކުޅުދުއްފުށި ސިޓީ ކައުންސިލުން ހޭންޑްބޯލް ޓީމަށް ވަރަށް ބޮޑު ޙަރަދުތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ޓީމުުގެ ކޯޗުގެ ކަންތައްތަކާއި ޓީމުގެ ފަރިތަކުރުންތަކާއި ދަނޑުވެސް ހަމަޖައްސައިދީފައިވަނީ ސިޓީ ކައުންސިލުންނެވެ.

މީގެ އިތުރުން އޮމާންއަށް ފުރުމުގެ ކުރިން ޓީމަށް ހިތްވަރު ލައިދިނުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ޓީމުގެ ހުރިހާ އޮފިޝަލުންނަށާއި ކުޅުންތެރިންނަށް ޑިނަރއެއް ހޯސްޓުކޮށް ޓީމާ ބައްދަލުކޮށްފައެވެ. މި ފަރިއްކޮޅުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ އަދި ކައުންސިލަރުން ބައިވެރިވެ، ޓީމަށް މަރުހަބާ ދަންނަވައި ކާމިޔާބީ ހާސިލްކުރުމަށް ހިތްވަރު ދެއްވާފައިވެއެވެ.

މި ޓީމުގެ ކޯޗު ކަމަށްވާ ޕާކިސްތާންގެ ތަޖުރިބާކާރު އާސިމް ރަޝީދު، ފުރުމުގެ ކުރިން ކުޅުދުއްފުށީގައި ބޭއްވުނު އެންމެ ފަހު ފަރިތަކުރުމުގައި ވިދާޅުވެފައިވަނީ ޓީމުގައި ހިމެނޭ 14 ކުޅުންތެރިންވެސް ޓްރެއިނިންގ ކުރިއަށް ގެންދިޔަ އިރު އެންމެން އެކީ ގުޅިގެން މަސައްކަތް ކޮށްފައިވާކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު ތަފާތެއް ދައްކާފައިވާ ކަމަށެވެ.

މި ފުރުސަތުގައި ކޯޗު ވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އަށާއި ރާއްޖޭގައި މިފަދަ ފުރުސަތެއް ފަހި ކޮށްދެއްވާފައިވާތީ މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަޙުމަދު މުޖުތަބާއަށް ޙާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ.