މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރެވޭ މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒުގެ ބަސްފުޅުގައި، މިއަހަރުގެ މޭ މަހުގެ 2 ވަނަ ދުވަހު ފެށި މަސައްކަތް މިއަދާ ހަމައަށް އައިއިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް އަދާހަމަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. މި ބުރަ މަސައްކަތުގައި ޝާމިލްވި އެންމެހާ ފަރާތްތަކަށް ރައީސް ޝުކުރު ދެންނެވިއެވެ.

Ad
rt

ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަން ޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ޤަވާއިދާ ޚިލާފަށް އުޅެމުން މަސައްކަތްކުރުވުމުގެ ނަތީޖާއެއްގެ ގޮތުން އެ މީހުންގެ އަސާސީ އިންސާނީ ޙައްޤުތައް ނިގުޅައިގަނެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށާއި، މިކަމަށްޓަކައި ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި މަސައްކަތަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.