ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ބެލެނިވެރިންނަށް އިލްތިމާސް ރައީސް ޑރ. މުހައްްމަދު މުޢިއްޒު އިލްތިމާސްކުރަށްވައިފިއެވެ.

ރައީސް މުޢިއްޒު މި އިލްތިމާސް ކުރެއްވީ މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

މި ޚިޠާބުގައި ރައީސް ވަނީ ދިވެހިންގެ މުރާލިކަމާއި މަސައްކަތްތެރިކަމަށް ތާރީޚުގައި ލިބިފައިވާ ތަޢުރީފުތަކާއި، ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަތަކުން ދިވެހީންގެ ފަންނުވެރިކަމާއި ޤައުމު ބިނާކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް ގިނަ ކުރުމަށް އިސްކަންދީފައެވެ. އަދި ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުކުރުމާއި، އެކި ދާއިރާތަކުގެ ޚިދުމަތްތެރީން ދަފްތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި، ބޭންކުން ލޯނު ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި ޤައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަޚްލާޤާއި، ހުނަރު ދަސްކޮށްދިނުން ތަޢުލީމީ މަންހަޖުގައި އިތުރުކުރަން ޖެހެއެވެ. އަދި ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓުމާއި، ޤާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ޚިޠާބުގައި އެންމެ ފާހަގަކޮށްލެވުނު ކަމަކީ ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރުމަށް ބެލެނިވެރިންނަށް ކުރެއްވި އިލްތިމާހެވެ. މީގެ އިތުރުން، އެއްވެސް ދިވެއްސަކު މަސައްކަތުން ބާކީވެގެން ނުދިއުމަށް މުޅި މުޖުތަމަޢު ގުޅިގެން ޤައުމީ މަސައްކަތްތަކެއް ފެށުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ދިވެހީން އެދޭ ތަމައްދުން ހާސިލު ކުރެވޭނީ މި ގޮތަށް މަސައްކަތްކޮށްގެންނެވެ.