ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގައި މިއަދު ތަޤުރީރުކުރައްވައިފިއެވެ.
އައިއައިޔޫއެމް އިން "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ރައީސް މުޢިއްޒަށް އެރުވި ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނަރަރީ ޑިގްރީއާ ހަވާލުވެވަޑައިގަތުމަށްފަހު، "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން" މި މަޢުޟޫއަށް ރައީސް މުޢިއްޒު ތަޤުރީރުކުރެއްވިއެވެ.
މި ތަޤުރީރުގައި ރައީސް މުޢިއްޒު ވަނީ، އިސްލާމީ އުންމަތުގެ ފަޚުރުވެރި ސައިންސްވެރިކަމުގެ މީރާސް ދިރުވައި އާލާކުރެއްވުމަށް ގޮވާލައްވާފައެވެ. އެގޮތުން، އިސްލާމީ ތާރީޚުގެ ކާމިޔާބީތަކަށް އިޝާރާތްކުރައްވައި، ކުރިމަގުގައި ހޯދިދާނޭ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ޒަމާނީ ފިކުރީ ނަހަޟާއެއްގެ ހުޅުކޮޅު ރޯކުރެވޭނީ ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ބައިވެރިވުމާއެކުގައި ކަމަށެވެ. މިކަމަށްޓަކައި، ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީތަކާއި، ދިރާސާކުރާ މުއައްސަސާތަކާއި، ޑިޖިޓަލް މަންސަތައް ޤާއިމުކުރުމަށް ވުނަކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސް މުޢިއްޒު އަލިއަޅުއްވާލެއްލެއްވިއެވެ. އަދި ސައިންސާއި، ދެމެހެއްޓެނިވި އުޞޫލުތަކާއި، އަޚްލާޤިއްޔަތާމެދު ބައިނަލްއަޤުވާމީ ފެންވަރެއްގައި ސިޔާސަތުތައް ބައްޓަންކުރެވޭނޭ ފަދަ މަޝްވަރާތައް އުފަންކުރުމުގައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިސްނެންގެވުމަށް އިލްތިމާސްކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުސީބާތްތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވައި، އެ ޢަމަލުތަކުގެ ނޭދެވޭ އަސަރުތައް ފޯރަމުންދާ އެންމެންނާ އެކުގައި ހުންނެވިކަން ހާމަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އިސްލާމީ ހަޟާރަތުގެ މީރާހަށް ޙައްޤު ޝަރަފު ހޯދައިދޭން ޢަޒުމު ކަނޑައަޅައިފި ނަމަ، ޞިއްޙީ ދާއިރާގައްޔާއި، ހަކަތައިގެ ދާއިރާގެ އިތުރުން ކުއަންޓަމް ކޮމްޕިއުޓިން ފަދަ، ދާއިރާތަކުގައިވެސް އިންޤިލާބީ ހޯދުންތައް ހޯދުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.
މި ތަޤުރީރަކީ ރައީސް މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މުހިންމު ތަޤުރީރެކެވެ. މި ތަޤުރީރުގައި އެމަނިކުފާނު ވަނީ، ޒަމާނީ އިސްލާމީ ނަހަޟާއެއްގެ ތަސައްވުރު ހިއްސާކުރައްވައި، އިސްލާމީ އުންމަތުގެ ކުރިއެރުމަށް މަގުދައްކަވައިދެއްވާފައެވެ. އަދި އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެމުގެ މުހިންމުކަމާއި، ޒުވާނުން ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!