ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
މިދިޔަ އަހަރު އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށާފައިވާ ތަހުގީގުގެ ބޭނުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އަކްރަމްގެ ޕާސްޕޯޓް ފުރަތަމަ ހިފެހެއްޓީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 އިން ފެށިގެން އެއް މަސް ދުވަހަށެވެ. ނަމަވެސް، އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ މުއްދަތު އިތުރު އެއް މަސް ދުވަހަށް ދަންމާލައިފަ އެވެ.
އެ މައްސަލަ އަކްރަމްގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުން ކަނޑައެޅީ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ.
އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ވެސް ހައި ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ.
އަކްރަމާއި އާރިފަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފްލެޓާއި ގޯތި ދިނުމަށް އުފެއްދި ހާއްސަ ކޮމިޓީގައި ވެސް އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުންނަށް ދައުވާ ކުރަން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނެތް ނަމަވެސް، ގޯތި ލިބުނު ކަމުގެ ރަޖިސްޓްރީ ގެންގުޅުނު މައްސަލައެއް ފަޅާއަރައި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ލިޔުންތައް ދިނީ ކުރީގެ ސަރުކާރުން ކަމަށް، އެ މައްސަލައިގައި ފުލުހުން ސުވާލުކުރި ހަ މީހަކު ތަހުގީގަށް ބަޔާން ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކުރީގެ ސަރުކާރުގައި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ދޭން ނިންމި ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި އޭސީސީން ކުރި ބޮޑު ތަހުގީގަށް ފަހު ބުނީ ފުރަތަމަ 4،000 ފްލެޓް ދޭން އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން ފްލެޓަށް ހުރިހާ ޝަރުތެއް ހަމަވަނީ އެންމެ 20 ޕަސެންޓް މީހުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!