ހއ.އަތޮޅު ކައުންސިލުން، ކޮލެޖު އަދި ޔުނިވަސިޓީގެ ކޯސްތަކުގައި ކިޔަވާ ހއ.އަތޮޅުގެ ކައުންސިލްތަކުގެ 2 މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމުގެ އެއްބަސްވުންތަކުގައި އިއްޔެ ސޮއިކޮށްފިއެވެ.
ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން ނިންމީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 149 ވަނަ ޢާންމު ބައްދަލުވުމުގައެވެ.
މިގޮތުން މި އަހަރު އެ ކައުންސިލުން ހިންގުމަށް ނިންމާފައިވާ ޙަރަކާތްތަކުގެ ތެރޭގައި، ކޮލެޖު އަދި ޔުނިވަރސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ހއ.އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މި ނިންމުމުގެ ދަށުން ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން އެދުމަށް މިދިޔަ ޖެނުއަރީ މަހު ވަނީ ހުޅުވާލާފައެވެ.
ހއ. އަތޮޅު ކައުންސިލުން ބުނީ، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި އަހަރު ހުޅުވާލި ފުރުޞަތުގައި ޕްރޮޕޯސަލް ހުށަހެޅި 2 މުވައްޒަފުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.
މިގޮތުން މާލީ އެހީގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 35000.00 ރުފިޔާ (ތިރީސް ފަސް ހާސް ރުފިޔާ) ދޫކުރުމަށް ހއ.އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.
މިއަހަރު މާލީ އެހީދިނުމަށް ހޮވިފައިވާ މުވައްޒަފުންނަކީ ހއ.އަތޮޅު ކައުންސިލްގެ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ ޢާއިޝަތު ޝިފާޒާއާއި ހއ.އަތޮޅު ހޯރަފުށި ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ އަޙްމަދު ޝަމީމެވެ.
މި ހަރަކާތުގެ މަގުސަދަކީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާގައި ކުރިއަށް ދިއުމަށާއި މުވައްޒަފުންގެ ތެރޭގައި ލީޑަރޝިޕް ކުރިއަރުވައި، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށާއި ފަންނީ ދާއިރާތަކުން ތަމްރީން ލިބިފައިވާ ގާބިލް ބަޔަކަށް މުވައްޒަފުން ހެދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!