މެލޭޝިއާގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ދަޢުވަތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މުޢިއްޒު މި ދަޢުވަތު ދެއްވީ އެމަނިކުފާނު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި "މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025" ގައި ތަޤުރީރުކުރައްވަމުންނެވެ.

Ad
rt

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފައި، ރާއްޖެ މިހާރަށްވުރެ ވަރުގަދަ، ވިޔަފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމުގެ ތަސައްވުރުގައި ބައިވެރިވުމަށް މެލޭޝިއާގެ ވިޔަފާރިތަކަށް ގޮވާލެއްވިއެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިތިބީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތްކުރަން. މި މަސައްކަތުގައި މެލޭޝިއާގެ ވިޔަފާރިތަކުގެ ބައިވެރިވުން އަޅުގަނޑުމެން ބޭނުންވޭ." ރައީސް މުޢިއްޒު ވިދާޅުވެފަވެއެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު (އީ.އީ.ޒެޑް) ގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަަރާތްތަކަށް ގިނަ ފުރުޞަތުތަކެއް ހުޅުވިފައިވެއެވެ. ޚާއްޞަކޮށް ކަނޑުދަތުރުފަތުރާއި އެއާ ގުޅުންހުރި ދާއިރާތަކުގައި އިންވެސްޓްކުރުމުގެ ފުރުޞަތުތައް ހުރިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދުނިޔެއަށް މަޝްހޫރު ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި، ޚާއްޞަކޮށް އިކޯ-ޓޫރިޒަމްގެ ދާއިރާގައިވެސް އިންވެސްޓްކުރުމުގެ ފުރުޞަތުތައް ހުރިކަން ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ގޮތުގައްޔާއި ރާއްޖޭގެ މުސްތަޤުބަލާއި ތަމައްދުނުގެ ބައިވެރިންގެ ގޮތުގައި މެލޭޝިއާގެ ރައްޔިތުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް ރާއްޖެ އޮތްކަން ހާމަކުރަށްވަމުންނެވެ.