ދިވެހިރާއްޖެ އާއި މެލޭޝިޔާ އާ ދެމެދު މިހާރަށްވުރެވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމް ކަނޑައަޅާފައިވާ ކަމަށް ދެ ޤައުމުން މިއަދު ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބޭއްވުނު ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި ދެ ޤައުމުން ހިއްސާކުރާ އުސޫލުތަކާއި، އިޤްތިޞާދީ ދާއިރާއިންނާއި ބައިނަލްއަޤްވާމީ ސުލްޙައަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ދެ ޤައުމުގެ ޒަމާންވީ ގުޅުން ބިނާވެފައިވަނީ ދެ ޤައުމުން ހިއްސާކުރާ އިސްލާމީ އަޤީދާ އާއި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި އިޙްސާންތެރިކަމުގެ މައްޗަށެވެ.

އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް މުޢިއްޒު ވަނީ ރާއްޖޭގައި ވުނަކުރުމަށް ހުރި ފުރުޞަތުތަކަށް އިޝާރާތްކުރައްވާފައެވެ. އެގޮތުން އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު، ވިޔަފާރި، މާލީ އަދި ކަނޑުގެ ދާއިރާތަކުގައި ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މެލޭޝިޔާގެ ވިޔަފާރިވެރިންނަށް ދަޢުވަތު ދެއްވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި މެލޭޝިޔާއިން ގެންގުޅޭ ސިޔާސަތަށް ދިވެހިރާއްޖެއިން ތަޢުރީފުކުރާ ކަމަށާއި، ދެ ޤައުމުގެ ލީޑަރުންވެސް މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ތާއީދުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަތީ ފަންތީގައި މަޢުލޫމާތާއި ޚިޔާލު ބަދަލުކޮށް، އެއްބާރުލުން އިތުރުކުރެއްވުމަށް އަމާޒުހިއްޕަވާފައިވެއެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ.