18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތީ ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފައްދާފައިވާ ޚާއްޞަ ކޮމިޝަންގެ މެމްބަރުންގެ އަދަދު 5 އަށް އިތުރުކޮށްފިއެވެ.

ރައީސްގެ ޤަރާރަކުން މި ކޮމިޝަން އުފެއްދެވީ އިއްޔެއެވެ.

Ad
rt

ރައީސް އޮފީހުން މިއަދު ބުނީ ލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، ރައީސް އުފެއްދެވި ކޮމިޝަނަށް ބަދަލުގެންނަވާފައިވާ ކަމަށެވެ.

މި ބަދަލާއެކު މިހާރު މި ކޮމިޝަންގެ މެންބަރުންނަކީ

  1. ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  3. ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  4. ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  5. އާމިނަތު އީނާސް، ހ. ހަބަރުގެ

މިކޮމިޝަނުގެ ރައީސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގަށް ހާއްސަ ކޮމިޝަނެއް

މި ކޮމިޝަނަށް ކުރިން އައްޔަނުކުރެއްވި ޑރ. މުހައްމަދު ހަބީބު މިއަދު ވަނީ ކޮމިޝަނުން އިސްތިއުފާދެއްވާފައެވެ. އެނގިފައިވާގޮތުގައި ހަބީބް އިސްތިއުފާދެއްވީ އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ރައުދު އަހުމަދު ޒިލާލްއާ އާއިލީ ގޮތުން ގުޅުން އޮންނާތީ އެވެ.

18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތީ ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު އޮއްވާ ފެނުނު މައްސަލަ ތަހްގީގް ކުރުމަށް ރައީސް އުފެއްދެވި ކޮމިޝަނަށް ވަނީ ޚާއްޞަ ބާރުތަކެއްވެސް ދީފައެވެ.

ޔުމްނު މެލޭޝިޔާ އަށް ގެންގޮސް މިހާރު ފަރުވާދެމުން އަންނައިރު، މި މައްސަލާގައި ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް، މިހާތަނަށް ނުވަ މީހެއްގެ ފޯނު ހިފަހައްޓައި، 8 މީހަކު ފުރުން މަނާކޮށްފަވެއެވެ.