ރައީސް ޑރ. މުހައްމަދު މުޢިއްޒު، މެލޭޝިޔާ އަށް މިހާރު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށް ގެންދަވައިފިއެވެ.

މި މަޝްވަރާތަކުގައި އެންމެ އިސްކޮށް ތިއްބެވީ ދެ ޤައުމުގެ އިސް ވެރިންކަމަށްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ.

Ad
rt

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ މެލޭޝިއާއިން އެމަނިކުފާނަށް ދެއްވި ދަޢުވަތާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައިވެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި ދަތުރުފުޅުގައި ސޮއިކުރެވޭ ފަހުމުނާމާތަކަކީ ދެ ޤައުމަށް ފައިދާކުރަނިވި އެއްބަސްވުންތަކަކަށް ވާނެކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.

ރައީސް މުޢިއްޒު ވަނީ ދިވެހިންގެ ވިސާއާ ގުޅުންހުރި ކަންކަމުގައި މެލޭޝިއާއިން ދެއްވާފައިވާ ލުއިފަސޭހަކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޑިޖިޓަލް ދާއިރާއާއި އިންފޮމޭޝަން ޓެކްނޮލޮޖީ، އަރޓިފިޝަލް އިންޓެލިޖެންސް އަދި ސައިބަރ ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމަށްފަހު ދެ ޤައުމުގެ މެދުގައި މުހިންމު ފަހުމުނާމާތަކާއި އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެވުނެވެ. ދެ ޤައުމުގެ ލީޑަރުން ވަނީ ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ބަދަހިވެގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައެވެ.