ށ. ފޭދޫ ސްކޫލްގެ ކްލާސްރޫމަތައް އޭސީ ކުރުމުުގެ ގޮތުން އެކަމަށް ބޭނުންވާ ކަރަންޓް ވަޔަރ ކުރުމުގެ ސާމާނާއި އޭސީ ފޭދޫ ކައުންސިލުން އެރަށު ސްކޫލަށް ހަވާލުކޮށްދީފިއެވެ.

ށ. ފޭދޫ ކައުންސިލްގެ ރައީސް އަޙުމަދު ރައިޝަމް "ތިލަދުން" އަށް މައުލޫމާތުދެއްވައި ވިދާޅުވެފައިވަނީ، ހޫނުވުމުގެ ސަބަބުން ދަރިވަރުންނަށް ހާސްކަމާއި، އުނދަގޫތަކަކާއި ކުރިމަތިލާންޖެހޭކަމަށެވެ. އެކަމުގެ ސަބަބުން ދަރިވަރުންނަށް ތަޢުލީމު ހާސިލްކުރުމަށް ދަތިވެ، ކިޔެވުމަށް ބަހައްޓަން ޖެހޭ ޝައުޤުވެރިކަން ދައްވާކަމަށް ފާހަގަ ކުރެވޭކަމަށެވެ.

Ad
rt

އެހެންކަމުން ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫޢު ނިމުމުން، ދަރިވަރުންނަށް ކިޔެވަން ފަސޭހަވެ، ދަރިވަރުންގެ ތަޢުލީމަށް ހެޔޮބަދަލެއް އައިސް ދަރިވަރުންގެ ނަތީޖާ ފޮނިވާނެކަމަށް ރައީސް އުންމީދުކުރެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންވެސް ތިބެނީ ހިތްހަމަޖެހިފައިކަމަށްވެސް ކައުންސިލްގެ ރައީސް ފާހަގަކުރައްވާފައިވެއެވެ.

ފޭދޫ ކައުންސިލުން އޭސީ ހަވާލުކުރުމަށްފަހު، ސްކޫލު އިސްވެރިންނާއި ބައްދަލުކުރައްވައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ސްކޫލްގެ ޕީޓީއޭއާއި މަޝްވަރާކުރުމަށްފަހު ވަކި ނިންމުމެއް ނިންމަން ހަމަޖެހިފައެވެއެވެ.

މީގެ އިތުރުން، ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ހަމަޖެހިފައިވަނީ ކްލާސްރޫމްތަކުގައި މަރާމާތު ކުރަންޖެހޭ ބައެއް ތަންތަން މަރާމާތުކުރުމަށްފަހު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުއަށް ގާތްގަނޑަކަށް 1.4 ލައްކަ ރުފިޔާ ހޭދަވާނެކަމަށް ލަފާކުރެވެއެވެ.

ދަރިވަރުންނަށް ކިޔެވުމަށް ރަނގަޅު މާހައުލެއް ޤާއިމްކުރުމަކީ މި އަހަރު ކައުންސިލް ބަޖެޓް އެކުލަވާލިއިރު، ފޭދޫ ކައުންސިލުން ހާއްސަ އިސްކަމެއްދިން ކަމެކެވެ.