އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ފިޔަވަޅު އަޅުއްވާނީ ތަހުޒީބުކަމާއެކު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ މުހިންމީ ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާއި ކުރެއްވި ހުވާ ކަމަށެވެ.
"އަޅުގަނޑުގެ މައްޗަށް ނުފޫޒު ފޯރުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް އަޑުއެހުމުގައި ފަސްޖެހިލުމެއް ނެތް. އަދި އެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެ، ފިޔަވަޅު އަޅާނީވެސް ތަހުޒީބުކަމާއެކު،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޒުވާނުންގެ ކަންބޮޑުވުންތަކާއި ޖަޒުބާތުގެ ނާޖާއިޒު ފައިދާ ނަގައި، ސިޔާސީ ގޮތުން ޤައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭ ފަރާތްތަކަށް އެ ފުރުޞަތު ނުދިނުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ހަމައެހެންމެ، ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!