މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައެވެ.
މިހާރު ޤައުމުން ބޭރުގައި އެންމެ ގިނަ ދިވެހިން ވަޒަންވެރިވެފައިވާ ޤައުމަކީ މެލޭޝިއާ ކަމަށްވުމާއެކު، މި ދަތުރުފުޅުގެ ސަބަބުން އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމުގެ އުންމީދު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އެފަރާތްތަކަށް ދިމާވާ މައްސަލަތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވައި، މެލޭޝިއާ ސަރުކާރާއެކު މަޝްވަރާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މެލޭޝިއާގައި ތިބެގެން ހޯދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އުންމީދުކުރައްވައެވެ. މީގެ އިތުރުން، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ކޮންސިއުލަރ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރެއްވުމާއި، ދަރިވަރުންނަށް ބޭނުންވާ ޚިދުމަތްތައް ރަނގަޅުކޮށްދެއްވުމުގެ މަސައްކަތްޕުޅުތައްވެސް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ކަމަށާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، ކާމިޔާބު ދަތުރުފުޅަކަށް ވެގެންދާނެ ކަމުގެ އުންމީދު ރައީސް ފާޅުކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!