މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، ދިވެހިރާއްޖެއަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅު މިއަދު ހަވީރު ނިންމަވާލައްވައިފިއެވެ.
ދިވެހި ސަރުކާރުން ދެއްވި ދަޢުވަތަކަށް ވަޑައިގެންނެވި ޑރ. ބުދައިރުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގެ ފުންނާބު އުސް ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ޑރ. ބުދައިރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލުކުރައްވައި، ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާވެސް ބައްދަލުކުރައްވާފައިވެއެވެ.
މީގެ އިތުރުން، ޑރ. ބުދައިރު ވަނީ އިމާމުންނާއި ޚަޠީބުންނާ ބައްދަލުކުރައްވައި ނަޞޭޙަތްތެރިވެ ވަޑައިގެންފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި، އެތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާ މުޚާޠަބުކުރައްވާފައިވެއެވެ.
ހަމައެހެންމެ ސަލްމާން މިސްކިތަށް ޒިޔާރަތްކުރައްވައި، ކީރިތި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާ ބައްދަލުކުރައްވައި ހިތްވަރުދެއްވާފައިވެއެވެ.
ޑރ. ބުދައިރުގެ ދަތުރުފުޅުގައި ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދުކުރެއްވިއެވެ. އަދި މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވައި، އަސަރުގަދަ ހުކުރު ޚުޠުބާއެއް ދެއްވާފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ޙަރަމްފުޅުގެ އިތުރު އިމާމުން ރާއްޖެއަށް ގެންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!