އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވުމުން، ލީގު ހޯދުމުގެ ފުރުސަތު ލިވަޕޫލަށް އިތުރަށް ތަނަވަސް ވެއްޖެއެވެ.

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ 33 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް އާސެނަލަށް 34 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، އަންނަ ހަފްތާ ބަންދުގައި ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ލިވަޕޫލަށް 20 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެއެވެ.

Ad
rt

ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އާސެނަލުންނެވެ. މި ލަނޑު ތިންވަނަ މިނެޓުގައި އޮޑެގާޑް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޖަކޮބް ކިވިއޮއެވެ. ޕެލަސްއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 27 ވަނަ މިނެޓުގައި ޖަހައިދިނީ އެޒޭއެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ.

އާސެނަލުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ 42 ވަނަ މިނެޓުގައި ޓްރޮސާޑް ޖަހައިދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޓިމްބަރގެ އެހީތެރިކަމާއިއެކުއެވެ. ޕެލަސްއިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކުރީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ޖަހައިދިނީ މަޓޭޓާއެވެ.