އެމެރިކާގެ ނިއުޖާރސީ ސްޓޭޓްގެ ދެކުނު ސަރަހައްދުގައި އަންގާރަ ދުވަހު ފެށުނު ބޮޑު އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ސްޓޭޓްގެ ވަގުތީ ގަވަރނަރ ޓަހޭޝާ ވޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.
މި ހާދިސާގައި މިހާތަނަށް 8،500 އޭކަރު (3،440 ހެކްޓަރު) ގެ ސަރަހައްދެއް އަނދައިގެން ގޮސްފައިވާ ކަމަށް ނިއުޖާރސީ ފޮރެސްޓް ފަޔަރ ސަރވިސްއިން މައުލޫމާތު ދީފައިވެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގަމުންދަނީ އޯޝަން އަދި ލޭސީ ޓައުންޝިޕްތަކުގައި ކަމަށް ފޮރެސްޓް ފަޔަރ ސަރވިސްއިން ބުނެފައިވެއެވެ. އަދި ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިތުރު ސަރަހައްދުތަކަށްވެސް އިންޒާރު ދީފައިވާ ކަމަށް ބުނެފައިވެއެވެ.
އަންގާރަ ދުވަހުގެ ރޭ ގެ ނިޔަލަށް އަލިފާން ކޮންޓްރޯލްކުރެވިފައިވަނީ އެންމެ 10 އިންސައްތައަށް ކަމަށް ފަޔަރ އޮފިޝަލުން ބުނެފައިވެއެވެ. އަދި މި ހާދިސާގައި 1،320 އިމާރާތަށް ނުރައްކާވެފައިވާ ކަމަށާއި، 3،000 މީހުން ސަލާމަތްކުރެވިފައިވާ ކަމަށް ފޮރެސްޓް ފަޔަރ ސަރވިސްއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.
"މިވަގުތާ ހަމައަށް އެއްވެސް މީހެއްގެ ފުރާނައަކަށް ގެއްލުމެއް ވެފައެއް ނުވޭ. އަދި އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވޭ،" ވަގުތީ ގަވަރނަރ ވޭ ވިދާޅުވިއެވެ.
ބުދަ ދުވަހުގެ ފަތިހު، ނިއުޖާރސީ އޮފީސް އޮފް އިމަރޖެންސީ މެނޭޖްމަންޓުން ވަނީ އިވެކުއޭޝަން އަމުރުތައް ނިމުމަކަށް ގެނެސް، ރައްޔިތުންނަށް އެނބުރި ގެތަކަށް ދިއުމަށް އަންގާފައެވެ.
ލޯކަލް މީޑިއާ އައުޓްލެޓެއް ކަމަށްވާ ލޭކްވުޑް ސްކޫޕުން އަންގާރަ ދުވަހުގެ ރޭގެ ފަހު ވަގުތެއްގައި ރިޕޯޓުކުރި ގޮތުގައި، އަލިފާން ވަނީ ކުރިން ހިންގަމުން އައި އޮއިސްޓަރ ކްރީކް ނިއުކްލިއަރ ޕަވަރ ޕްލާންޓްގެ ކެމްޕަހުގައި ހުރި އިމާރާތްތަކާ ހަމައަށް ފޯރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!