ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭކަމެއްކަމަށް މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވެއްޖެއެވެ.

އިމާމު ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ޚަޠީބުންނާއި އިމާމުންނާއި ބައްދަލުކުރައްވައި، މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ އިމާމުންނާއި ޚަޠީބުންނަށް ގިނަ ނަޞޭޙަތްތަކެއް ދެއްވާފައެވެ.

Ad
rt

މިގޮތުން އިމާމުންނަކީ މުޖުތަމަޢު ބަލައިގަންނަ، ނަމޫނާ ބަޔަކަށްވެ، މީހުންނަށް ހެޔޮ، އަދި ހެޔޮކަންކަން ފަތުރާ ބަޔަކަށް ވުމަކީ މުހިއްމުކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިމާމުންގެ މާތްކަމާއި، މުޖުތަމަޢު ފިތުނަވާ ފަދަ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަން ނުކުރުމަށް ވަނީ ނަޞޭޙަތްތެރިވެލައްވާފައެވެ.

އިމާމު ޑރ. ޞަލާޙުލް ބުދައިރުގެ ވާހަކަފުޅުގައި ޢިލްމު ހޯދުމަކީ އިމާމުން ކޮންމެހެންވެސް ކުރަން ޖެހޭކަމެއްކަމަށާއި، ނަމާދާއި ގުޅޭ ޙުކުމްތަކާއި ދީނުގެ އެކި ޙުކުމްތައް އެންމެ ފުރިހަމައަށް އުނގެނުމަކީ މުހިއްމުކަމެއްކަން ވަނީ ފާހަގަކުރަށްވާފައެވެ. އަދި ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭކަމެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މީސްމީޑިއާ ފަދަ ވަސީލަތްތައް ބޭނުން ކުރާއިރުވެސް އިމާމުންގެ ޙައިސިއްޔަތާއި ނުގުޅޭ ކަންކަން ޙިއްސާކުރުމާއި، ކޮމެންޓު ކުރުން ފަދަ ކަންކަމުން ދުރުވުމަށްވެސް ޢިލްމުވެރިންނަށް ނަޞޭޙަތްތެރިވެލައްވާފައިވެއެވެ.

ކަމާއި ބެހޭ އިދާރާތަކުގެ އިރުޝާދާއި އެއްގޮތަށް ޢަމަލު ކުރުމަށާއި، އިމާމުކަމާއި ޚަޠީބުކަމުގެ މަސްޢޫލިއްޔަތަކީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއްކަމަށާއި، އެ މަސްޢޫލިއްޔަތު ވީހާވެސް ރަނގަޅަށް ފުރިހަމަ ކުރުން އިމާމު ޑރ. ޞަލާޙުލް ބުދައިރު ވަނީ މިއަދު ޚަޠީބުންނާއި އިމާމުންނަށް ނަޞޭޙަތްތެރިވެލައްވާފައެވެ.