މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، މާލޭގެ ސަލްމާން މިސްކިތުގައި މިރޭ އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރަށްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިމާމުވެ ނަމާދު ކުރައްވާ ފުރަތަމަ ފަހަރެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދީނީ ނަސޭހަތް ދެއްވުމާއި އެކު، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން، ވުޒާރާއިން ހާމަކުރި ގޮތުގައި މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ވެސް އިމާމުވެ ޢިޝާ ނަމާދު ކުރެއްވާނީ އިމާމު ޑރ. ބުދައިރު އެވެ. އަދި ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ޚާއްސަ ދަރުހެއް ދެއްވާނެއެވެ. މީގެ އިތުރުން އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް ޑރ. ބުދައިރުއެވެ.
މަސްޖިދުއްނަބަވީގެ އިމާމު ޑރ. ބުދައިރު ރާއްޖެ ވަޑައިގަތީ ހޯމަ ދުވަހުއެވެ. މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޑރ. ޞަލާޙުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ، މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާ، އިސްލާމީ ދުނިޔޭގެ އިޙުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިސްލާމީ އިލްމުވެރިއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!