ހއ. އުތީމުގައި އެރަށުގެ ކައުންސިލްގެ ފަރާތުން ޢިމާރާތް ކުރަމުންދާ ހިނަވާގޭގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ.
އެކައުންސިލްގެ ރައީސް އަބުދު ﷲ ރަޝީދު ބުނުއްވީ އެ ހިނަވާގެއަކީ އެރަށުގައި ރަނގަޅު ވަސީލަތްތަކާއެކު ޒަމާނީ ފެންވަރުގެ ހިނަވާގެއެއް ތަރައްޤީކުރުމަށް އެ ކައުންސިލުން ކުރައްވަމުންދާ މަސައްކަތެއް ކަމަށެވެ.
އެމަސައްކަތް ކުރާ ދެވަނަ ސަބަބަކީ، އެރަށަކީ އުމުރާނީ ގޮތުން ތަރައްޤީވެފައިވާ ރަށަކަށްވާތީ މިވަގުތަށް ފެންވަރު ރަނގަޅު ހިނަވާގެއެއް ހުރުން ވަރަށް މުހިންމު ކަމެއް ކަމުގައި އެ ކައުން ސިލުން ދެކޭތީކަމަށްވެސް ﷲ ރަޝީދު ބުނުއްވިއެވެ.
ތިން ބައެއް ހިމެނޭހެން 20 އަދި 30 ފޫޓްގެ ބޮޑު މިނުގައި ހަދަމުން އަންނަ އެ ހިނަވާގެއަކީ އެ ކައުންސިލްގެ ބަޖެޓުންނާއި، ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ޢިމާރާތްކުރަމުން އަންނަ ހިނަވާގެއެއް ކަމަށްވެސް އަބުދު ﷲ ރަޝީދު ބުނުއްވިއެވެ. އެ ތިން ބަޔަކީ، ހިނަވާ ބަޔަކާއި، ވެއިޓިންގ އޭރިއާއަކާއި އަދި ސްޓޯރ ރޫމެކެވެ.
އަބުދު ﷲ ރަޝީދު އިތުރަށް ބުނުއްވީ، މިއަހަރުގެ ލާމަރުކަޒީ ދުވަސްކަމުގައިވާ، މި ފެށޭ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހަށް އެ ހިނަވާގޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭތޯ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އަދި ހިނަވާގޭގެ ބޭރުގައި ގައު އަތުރައި ރީތިކުރުމަށް އިތުރު މާލީ އެހީތެރިކަން ބޭނުންވެފައިވާ ކަމަށްވެސް އަބުދު ﷲ ރަޝީދު ބުނުއްވިއެވެ.
އެ މަސައްކަތް ކުރުމުގައި އުތީމުގެ ރައްޔިތުންނާއި، ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް އެ ކައުންސިލުން ޝުކުރު އަދާކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!