ހއ. ހޯރަފުށީގައި "ތަޢުލަޤް ދީނީ ސުވާލު މުބާރާތް 2025" ފަށައިފިއެވެ.

އޭޕްރީލް 20 އިން 24 އަށް ކުރިއަށް ގެންދާ މި މުބާރާތަކީ ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 6 އިން ދަށުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން 60 އަށް ވުރެއް ގިނަ ދަރިވަރުން މިއަހަރު ވަނީ ބައިވެރިވެފައެވެ.

Ad
rt

މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމުގެ މަގުސަދަކީ، އިސްލާމީ ތަރުބިއްޔަތު އެނގިތިބި، ދީނީ ކަންކަމަށް ފަރުވާތެރިވެ، މައިންބަފައިންދެކެ ލޯބިވާ، އަދި ބޮޑެތި މީހުންނަށް އިޙްތިރާމްކޮށް ނަމާދުގައި ކިޔާ ތަކެއްްޗާއި ޒިކުރުތައް އެނގި ތިބި ރަނގަޅު ޖީލެއް ހޯރަފުށީގައި ބިނާކުރުމަށެވެ.

މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ހޯރަފުށީ ޕޮލިސް ސްޓޭޝަން އަދި ހޯރަފުށީ ކައުންސިލްގެ އިތުރުން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާ ގުޅިގެންނެވެ.

މިއަހަރުގެ މުބާރާތް ޝަރަފުވެރިކޮށްދެއްވާފައި ވަނީ ހއ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝިޒްލީންއެވެ. މުބާރާތް ފައްޓަވައިދެއްވައި ކޮމާންޑަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވެ، އިޖުތިމާއީ ފޭރާން ރަނގަޅުވެގެންދާނެކަމަށެވެ. އަދި މިކަން ފާހަގަ ކުރައްވައި ދަރިވަރުންނަށް އިތުރު ހިތްވަރެއްވެސް ކޮމާންޑަރ ދެއްވާފައިވެއެވެ.

ހޯރަފުށްޓަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް އަހުލުވެރިވާ ތައުލީމީ ކަންކަމަށް އިސްކަންދޭ ރައްޔިތުން ދިރިއުޅޭ ރަށެކެވެ.