ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ސީދާ ގުޅުން ބަދަހިކުރުމުގެ ގޮތުން ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވައިފިއެވެ.

މި ޗެނަލަކީ ދުވަހުން ދުވަހަށް އަޕްޑޭޓްތަކާއި، މުހިންމު މަޢުލޫމާތުތަކާއި އަދި މެސެޖުތައް ރައްޔިތުންނާ ހިއްސާކުރުމަށް ޚާއްޞަކުރެވިފައިވާ ޗެނަލެެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Ad
rt

ރައީސް މުޢިއްޒު އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޗެނެލާއި ގުޅުމަށް އެންމެހާ ރައްޔިތުންނަށް ދައުވަތު ދެއްވާފައެވެ.

"އަޅުގަނޑުގެ ރަސްމީ ވަޓްސްއެޕް ޗެނަލްއަށް ގުޅުމަށް އަޅުގަނޑު އެންމެންނަށްވެސް މަރުޙަބާ ކިޔަމެވެ. މި ޗެނަލްގައި ދުވަހުން ދުވަހަށް އަޕްޑޭޓްތަކާއި، މުހިންމު މަޢުލޫމާތުތަކާއި އަދި މެސެޖުތައް ޙިއްޞާކުރެވެމުންދާނެއެވެ." ރައީސް ވިދާޅުވެފަވެއެވެ.

މި އައު ވަޓްސްއެޕް ޗެނަލްގެ ސަބަބުން، ރައްޔިތުންނަށް ސަރުކާރުގެ ޚަބަރުތަކާއި މަޢުލޫމާތު ލިބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި މިއީ ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނާ ގާތްގުޅުމެއް ބޭއްވުމަށް ކުރައްވާ މަސައްކަތުގެ އިތުރު ފިޔަވަޅަކަށް ވެސް ވެގެން ދާނެއެވެ.

ރައީސް ގެންދަވަނީ ރައްޔިތުންގެ އަޑުއައްސަވައި ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްޕުޅު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ. މިގޮތުން ސީދާ ރައްޔިތުންގެ ގާތަށް ރަށްތަކަށް ކުރަށްވާ ސިލްސިލާ ދަތުރުތަކުގެ އިތުރުން ''އަހާ'' ފޯރަމް ތަކުގައި ބައިވެރިވެވަޑައިގަތުމާއި، ''ރައީސްގެ ޖަވާބު'' ސިލްސިލާ ކުރިއަށް ގެންދެވުމާއި އަދި ''ރައްޔިތުންނާއެކު'' ޕޮޑްކާސްޓު ކުރިއަށް ގެންދެވުން ހިމެނެއެވެ.