ޤައުމަށް ދިމާވެފައިވާ މައްސަލަތައް، ޙައްލުކުރުމުގެ ޚިޔާލާއި ފިކުރު ނެތް ކަމުގައި ވަނީ ނަމަ، ޤައުމުގެ ކަންކަން އިޞްލާޙުނުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރޭ، އެ ޔުނިވަރސިޓީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އަޅުގަނޑުމެންގެ ކިބައިގައި ޤައުމުގެ ކަންކަން ހެޔޮ މަގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ނެތީވިއްޔާ، ޤައުމުގެ ކަންކަން އިޞްލާޙުވެގެންދާނީ ކޮންފަދައަކުންތޯ ސުވާލު އުފައްދަވާފައެވެ.

Ad
rt

ރައީސް ވިދާޅުވިގޮތުގައި، މާތްވެގެންވާ ކީރިތި ޤުރުއާނުންވެސް އަޅުގަނޑުމެންނަށް ދައްކުވައިދޭ މަގަކީ މިއީ ކަން ހަނދާންކޮށްދެއްވާފައެވެ. ސައްތަ އިންސައްތަ އިސްލާމީ ޤައުމެއްގައި، އިސްލާމީ ރިވެތި އަޚުލާޤު އަށަގެންނެވުމަށް މަސައްކަތްކުރުމަކީ ޢިލްމު އުނގެނިގެން ތިބި ބައެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި، މިއީ އެކަމަކާ މެދު ސުވާލުވެވޭނެ ކަމެއް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ޤައުމަށް ދިމާވެފައިވާ މައްސަލަތައް، ޙައްލުކުރުމުގެ ޚިޔާލާއި ފިކުރު ނެތް ކަމުގައި ވަނީ ނަމަ، ޤައުމުގެ ކަންކަން އިޞްލާޙުނުވާނެއެވެ. އެހެންކަމުން މައިންބަފައިންގެ ޢަޒުމަކަށް ވާންވީ ދަރީންނަށް ލިބުނު ކާމިޔާބީއާއެކު އެ މަގު ދައްކައިދިނުން ކަމަށާއި، ތަޢުލީމީ މުއައްސަސާގެ ޒިންމާއަކަށް ވާން ވާނީ މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރިވެތި އަޚުލާޤުން ޖަރީވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފިކަމުގައިވާނަމަ، ދިވެހި މުޖުތަމަޢު އިޞްލާޙު ކުރެވޭނެ ކަމަށާއި، މި އުސޫލުން ކަންކަން ބައްޓަންކުރަން މަސައްކަތްކުރުމަށް ލޯމަރާލެވެން ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި ފިކުރު އަށަގެންނެވިގެން ނޫނީ، މުޖުތަމަޢުގައި ހުރި މުންކަރާތްތަކަށް ނޫނެކޭ ބުނެވެން ނޯންނާނެ ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މި އަހަރު 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.