ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، އަސްކަރީ އާ އުޅަނދުތަކާއެކު މަގުމަތީ ހިނގާލުމެއް މިއަދު ހަވީރު މާލޭގައި ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މި ހިނގާލުން ބައްލަވާލެއްވިއެވެ.

Ad
rt

މި ހިނގާލުން ފެށުނީ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށިންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް ލަޝްކަރު ހުއްޓުމުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ހިނގާލުން ޝަރަފުވެރިކޮށްދެއްވައިފައެވެ.

ސިފައިންގެ ހިނގާލުން ރައީސް ޝަރަފްވެރިކޮށް ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހިނގާލުމުގައި އެމްއެންޑީއެފް ބޭންޑާއެކު ޖުމްލަ 5 ގެމަ ބައިވެރިވިއެވެ. ހިނގާލުމުގެ ކޮމާންޑަރަކަށް ހުންނެވީ ކާނަލް އިބްރާހިމް އަޝްރަފްއެވެ. ސިފައިންގެ އެކި ދާއިރާތަކާއި ޚިދުމަތްތަކުގެ އިތުރުން، މިހާރު ބޭނުންކުރާ ބައެއް އަސްކަރީ އުޅަނދުތައް ވެސް މި ހިނގާލުމުގައި ދައްކާލާފައިވެއެވެ.

އަސްކަރިއްޔާ އަށް އަލަށް ގެނައި އުޅަނދެއް މިއަދުގެ ހިނގާލުމުގައި، ފޮޓޯ: ރައީސް އޮފީސް

ލަޝްކަރު ހުއްޓުނު ފަސް ސަރަހައްދުގައި ސިފައިންގެ ބޭންޑުން ރީތި އެކި ރާގުތައް ކުޅެފައިވެއެވެ. މި ސަރަހައްދުތަކުގެ ތެރޭގައި އަމީރު އަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތި ހިމެނެއެވެ.

މިއަދުގެ މި ޚާއްޞަ ހިނގާލުން ބަލާލުމަށް އާންމުންގެ ވަރަށް ގިނަ ބަޔަކު މަގުތަކަށް ނުކުމެފައިވެއެވެ.

ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ސިފައިންގެ ޚިދުމަތް ފެށުނީ 21 އެޕްރީލް 1892 ގައެވެ.