މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވެފައި، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާތީ، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މި ދުވަސްވަރު ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.
އޭނާ ވަނީ ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
"މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު. އެ ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވޭ. އަދި މިއަދުގެ 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި،" ފަހުމީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށްޓަކައި، ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ.
"ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަންޖެހޭ،" ފަހުމީ ވިދާޅުވިއެވެ.
މި ދުވަސްވަރު ކަރަންޓުގެ ބޭނުން އިތުރުވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެހެންކަމުން، ރައްޔިތުން ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ސްޓެލްކޯއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!