މަޖީދިއްޔާ ސްކޫލަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަޖީދީއްޔާ ސްކޫލްގެ 98 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.
މި މެސެޖުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި، މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތެވެ.
ރައީސް ވިދާޅުވީ، މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ ''އުނގު'' ކަމަށެވެ.
''މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ". މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު'' ރައީސް ވިދާޅުވެފަވެއެވެ.
''ދިވެހިރާއްޖޭގެ ތަޢުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ މި ތާރީޚީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރީންނަށް، މުދައްރިސުންނަށް، ހިންގުންތެރީންނަށް، ޚިދުމަތްތެރީންނަށް އަރިސްކުރަނީ ހިތުގެ ފުންމިނުގެ ލޯތްބާއި، ހެޔޮ ދުޢާތަކާ އެކު.'' ރައީސް އިތުރަށް ވިދާޅުވެފަވެއެވެ.
މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް.
މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު. މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ". މަޖީދިއްޔާގެ ހަނދާންތައް… pic.twitter.com/gsjLR9uJtj
— Dr Mohamed Muizzu (@MMuizzu) April 19, 2025
25 ގައި 2024 ގައި މަޖީދިއްޔާ ސްކޫލްގެ "ސައްތަވީ ބިނާ" އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމުގެ ދަންމަރުކަމަށާއި، މި ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އުފެދިގެން އައި ގިނަ ޝަޚްޞިއްޔަތުތައް އުފެދިގެން އައީ، މި ސްކޫލް އުފެދުނު ފަހުންކަމަށް ވިދާޅުވެފައެވެ. އަދި އެއީ، ޙަޤީޤަތެއްކަމަށް ވިދާޅުވިއެވެ. ޚުދު އެމަނިކުފާނު ވެސް ވަނީ މަޖީދިއްޔާ ސްކޫލުގައި ކިޔަވައި ވިދާޅުފައެވެ.
ރާއްޖޭގެ ނިޒާމީ ތަޢުލީމު ފެށިގެންދިޔައީ 1927ވަނަ އަހަރުގެ އޭޕްރިލް 19ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާއާ އެކުއެވެ. އެއީ އައްސުލްތާން މުޙައްމަދު ޝަމްދުއްދީން 3ގެ އިސްނެންގެވުމާއެކުގައެވެ. މިހާރުގެގޮތުން ނަމަ އެއީ މަޖީދިއްޔާ ސްކޫލެވެ. ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު، 2011ވަނަ އަހަރު މަޖީދިއްޔާގައި ދެ ޖިންސަށް ކިޔަވައިދޭން ފެށިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!