ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދިޔަ މައްސަލައިގެ ތަހުގީގު ނިންމައި، ތަހުގީގު ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ޖޭއެސްސީން މި ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމާ ގުޅިގެން، އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެވެ. މީގެ އިތުރުން، ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަދެއްކެވި ކަމަށް ބުނާ މަޖިލީހުގައި މި ދެ ފަނޑިޔާރުން ބައިވެރިވި ކަމަށް ބުނާ މައްސަލަވެސް ހިމެނެއެވެ.
ޖޭއެސްސީން މި މައްސަލަތަކާ ގުޅިގެން ކުރިން ދެ ފަނޑިޔާރުން ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ. އަދި ރޭ ތަހުގީގު ކޮމެޓީން ވަނީ އެ ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ފޮނުވާފައެވެ. ނަމަވެސް، ކޮމެޓީގެ ނިންމުމަކީ ކޮބައިކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ކޮމެޓީގެ ނިންމުން ރަސްމީކޮށް ސާފު ނުވިނަމަވެސް ކޮމެޓީން ނިންމާފައި ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ފެންނަކަމަށް ކަމަށް ވަނީ އަޑު ފެތުރިފައެވެ.
ދެން އޮތް މަރުހަލާގައި، ތަހުގީގު ކޮމެޓީގެ ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެ ފަނޑިޔާރުންނަށް ދޭނެއެވެ. އޭގެ ފަހުން ކޮމިޝަނުން މި މައްސަލައިގައި ވަކި ގޮތެއް ނިންމާނެއެވެ.
މި ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުނެ، މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެ ދެ ފަނޑިޔާރުން ވަނީ ސަސްޕެންޑް ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންކަމަށްވާ ޑރ. މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރާއި، ހުސްނުއްސުއޫދު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭ ސަސްޕެންޑުކުރި މައްސަލައިގައި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ޚާއްސަ ރެޕެޓުވާ މާގަރެޓް ސެޓާތުވެއިޓް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ބަޔާނެއް ނެރުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!