ކުރިއަށް އޮތް ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކަޅުބިލަމަސް ރައްކާކުރެވޭ މިންވަރު 25,000 ޓަނަށް އަދި ޕްރޮސެސްކުރެވޭ މިންވަރު 365 ޓަނަށް އިތުރުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވި ގޮތުގައި މިހާރު ކަޅުބިލަމަސް ރައްކާކުރެވޭ މިންވަރު ހުރީ 9,500 ޓަނު ހިސާބުގައެވެ. އަދި ޕްރޮސެސްކުރެވޭ މިންވަރު ހުރީ 115 ޓަނުގައެވެ.
''އަޅުގަނޑުމެން މިހާރު މި ފަށާފައި ހުރި މަޝްރޫޢުތައް މި ފަސް އަހަރު، ބާކީ މިއޮތް ހަތަރުވަރަކަށް އަހަރު، ތިން އަހަރާއި ބައިގެ ތެރޭގައި، މިހާރު އެދާ ސްޕީޑްގައި ގޮސް، މި ޢަދަދު 25000 ޓަނާ ހަމަޔަށް އިރާދަކުރެއްވިއްޔާ އިތުރުކުރެވޭނެ އިނގޭތޯ. އަޅުގަނޑު ވަޢުދުވެފައި އޮންނާނީ ދެގުނަކުރަން. ދެގުނައަށްވުރެ ތަންކޮޅެއް ބޮޑުވާނެ، އެ ޢަދަދަށް ދިޔައިމަ އިނގޭތޯ. އެ މަޝްރޫޢުގެ ސަބަބުންވެސް ވަރަށްބޮޑު ތަނަކުން އަޅުގަނޑުމެންނަށް ދެންމެ ތިޔަ ވިދާޅުވި މައްސަލަ ޙައްލުވެގެން އެބަދޭ. ޕްރޮސެސިންގ ކެޕޭސިޓީ މިވަގުތު ހުރީ 115 ޓަނު. އެހެންނަމަވެސް، މިހާރު ކުރިއަށް ގެންދެވޭ މަޝްރޫޢުތަކުގެ ތެރެއިން މި ޢަދަދު ގާތްގަނޑަކަށް ތިންގުނަވާނެ. 365 ޓަނާ ހަމަޔަށް އިތުރުކުރެވިގެންދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.
މިއީ ހަމަޖެހިފައި ހުރި، އެއްވެސްކަހަލަ ކަންބޮޑުވުމެއްނެތި ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކުގެ ގޮތުގައި މިހާރު ހުރި މަޝްރޫޢުތައްކަން ވެސް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި ދައުރުގެ ތެރޭގައި އައިސް ޕްލާންޓްތަކުގެ ޤާބިލުކަންވެސް 600 ޓަނަށްވުރެ އިތުރަށް އިތުރުކުރެވޭނެއެވެ. މީގެ ތެރޭގައި ގދ. ތިނަދޫގައި ކުރިއަށްދާ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓް މި އަހަރު ތެރޭގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ފެލިވަރުގައި އިންޑިއާގެ ލޯނު އެހީގެ ދަށުން ކުރިއަށްދާ 4,000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓް މި އަހަރުގެ މގެ މެދުތެރޭގައި ނިމޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ގދ. ފިޔޯރީގައި 3,000 ޓަނުގެ މަޝްރޫޢެއް އަދި ފ. ނިލަންދޫގައި 1,500 ޓަނުގެ ޕްރޮސެސިންގ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ހުރިހާ މަޝްރޫޢުތަކެއްގެ ތަފްސީލު ރިޔާސީ ބަޔާނުގައި ހިމަނާފައިވާނެއެވެ. އަދި މި މަޝްރޫޢުތައް ކުރިއަށްދާ މިންވަރު ކަމާބެހޭ ރަށްރަށުގެ ރައްޔިތުންނަށް ފެންނަމުންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!