ވަކި ޢުމުރުފުރާއަކުން ފެށިގެން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ބިލު މިމަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ނޮވެމްބަރު 1 އިން ފެށިގެން އެ ޤާނޫނަށް ޢަމަލުކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންނާއެކު" ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ޖުމްލަ އާބާދީގެ 30 އިންސައްތައަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިން ކަމަށާއި، މި އާބާދީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައިން ދުރުކުރެވިއްޖެނަމަ، ދުޅަހެޔޮކަން އިތުރުކޮށް، ރާއްޖޭގެ މުސްތަޤުބަލު ސަލާމަތްކުރެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، 18 އަހަރުފުރުމާއެކީގައި ހަމަ ވަރަށް ގިނަ ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރަން ފަށައެވެ. އެހެންކަމުން އެ ކުދިން މިކަމުން ދުރުކުރެވިއްޖެއްޔާ ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޅި މުޖުތަމަޢު ދުރުކުރުމަށް ބޮޑު ބާރަކަށް އެކަން ވެގެންދާނެޖަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ ބިލު މިމަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ. ބިލު ފާސްވުމަށްފަހު، އެ ޤާނޫނަށް ޢަމަލުކުރަން 6 މަސްދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި، ނޮވެންބަރު 1 އިން ފެށިގެން އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު 6 މަސް ދުވަސް ލިބުނީމަ، މިކަން ކުރަން ފަށާފައި ތިބި ކުދިންނަށްވެސް ފުރުޞަތެއް އެ ލިބެނީ މިކަމުން ދުރުވާން. ދިރާސާތަކުން ދައްކާގޮތުގައި ސިޒޭޝަންގެ ތެރެއިން 3 މަސް ދުވަހުގެ ތެރޭގައި މި އާދައިން އެބަ ދުރުވެވޭ. އެހެންވީމަ އެކަށީގެންވާ މުއްދަތެއްކަމަށް އަޅުގަނޑު މި ބަލަނީ މިއީ." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ މަޤްޞަދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރުވުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!