ހއ. އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބު ރައީސް އަދި ކައުންސިލްގެ މެންބަރުން އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މި މަހު 13 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްތަކުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އދި މީގެ އިތުރުން ރަށްރަށުގެ މުވައްސަސާތަކަށް ޒިޔާރަތްކުރުން ވެސް ހިމެނެއެވެ.

Ad
rt

މި ދަތުރުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އަތޮޅުގެ ރައްޔިތުންނަށް މުވައްސަސާތަކުން ދެމުންގެންދާ ހިދުމަތްތަކާއި ގުޅިގެން އެކި ކަންކަމުގައި މަޝްވަރާކުރެއްވުމާއި، އަތޮޅުގެ ރައްޔިތުންނަށް އެކިގޮތްގޮތުން އެހީތެރިވުމާއި ކައުންސިލްތަކުގެ މުވައްޒަފުން ވަޒީފާގެ މާހައުލުގައި މަސައްކަތް ކުރެއްވުމުގައި ފަހިކޮށްދިނުމަށް ކޮންމެ އަހަރަކު ތަމްރީންތައް ދިނުމާއި، ސްކޫލްތަކާއި ޑަބްލިޔުޑީސީ ތަކާއި ޖަމިއްޔާތަކަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ މަޝްވަރާތައް ބާއްވައި ހިޔާލު ބަދަލު ކުރުމެވެ.

ހއ. އަތޮޅު ކައުންސިލްގެ މެމްބަރުން އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރުގެ ތެރެއިން ހޯރަފުށީގައި، ފޮޓޯ: އަތޮޅު ކައުންސިލް

މި މަހު 13 ވަނަ ދުވަހު ފެށްޓެވި މި ދަތުރުފުޅުގައި އެ ބޭފުޅުން ފުރަތަމަ ޒިޔާރަތްކުރެއްވީ މޮޅަދޫ، އުލިގަން އަދި ތުރާކުނަށެވެ. އެޕްރީލް 14 ވަނަ ދުވަހު ޒިޔާރަތް ކުރައްވާފައި ވަނީ އިހަވަންދޫއަށެވެ. އިހަވަންދޫއަށް ފަހު ޒިޔާރަތް ކުރައްވާފައި ވަނީ ހޯރަފުށްޓަށެވެ. މި ދަތުރުފުޅުގައި އިއްޔެ އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 155 ވަނަ އާންމު ބައްދަލުވުން ބާއްވާފައިވަނީ ހޯރަފުށީގައެވެ. އެ ބޭފުޅުން ދެން ވަޑައިގަންނަވާނީ ތަކަންދޫ އަދި މާރަންދުއަށެވެ. 16 އެޕްރީލްގައި ދިއްދޫއަށް ޒިޔާރަތްކުރައްވާނެއެވެ. 17 އެޕްރީލްގައި އުތީމަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ ހަފްތާގެ ދަތުރު 19 އެޕްރީލްގައި ފެއްޓެވުމަށް ހަމަޖެހިފައިވާއިރު އެ ދުވަހު ޒިޔާރަތް ކުރައްވާނީ، ބާރަށާއި ފިއްލަދުއަށެވެ. އެ ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރީންނާއި ޑަބްލިއުޑީސީ އާއި ބައްދަލުކުރެއްވުން އޮންނާނެއެވެ. އަދި 19 ވަނަ ދުވަހުގެރޭ މަޑު ކުރައްވާނީ ވަށަފަރުގައެވެ. 20 ވަނަ ދުވަހު ވަށަފަރުގެ ހުރިހާ މުވައްސަސާތަކަށް ވެސް ޒިޔާރަތް ކުރެއްވުމަށްފަހު ދެން ދަތުރުކުރައްވާނީ މުރައިދޫ އަށެވެ. އެއަށްފަހު ދެން ދަތުރުކުރައްވާނީ ކެލައަށެވެ. އަދި އެޕްރީލް 21 ވަނަ ދުވަހު އޮންނާނީ ކެލާގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމާއި އެ މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމެވެ.