މަދީނާގެ ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ހުއްދަ ދެއްވައިފިއެވެ.
މިކަން ހާމަކުރަށްވައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވިގޮތުގައި، އިމާމްގެ މި ދަތުރުފުޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދައުވަތެއްގެ ނަތީޖާއެކެވެ.
މި ދަތުރުފުޅުގައި ޑރ. ޞަލާޙުލްބުދައިރު އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން ޢާއްމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި، އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި، ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި، މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލް ވަޑައިގެންނެވި ދަތުރުފުޅުގައެވެ.
ޑރ. ޞަލާޙުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ، މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާ، އިސްލާމީ ދުނިޔޭގެ އިޙުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
މި ޒިޔާރަތުގެ ކަންކަން ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކަމަށާއި، މި ދަތުރުފުޅު ހަމަޖެހިގެން ދިޔުމުގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީ އަހުދު މުޙައްމަދު ބުން ސަލްމާންގެ އެހީތެރިކަން ފާހަގަކޮށް، އެ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
އަދި މި ޒިޔާރަތުގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ޒިޔާރަތަކީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. އަދި ދިވެހި ރައްޔިތުންނަށް އިސްލާމްދީނުގެ ޢިލްމުވެރިއެއްގެ އަރިހުން ސީދާ ދީނީ ނަސޭހަތާއި އިރުޝާދު ލިބުމުގެ ފުރުޞަތެއްގެ ގޮތުގައިވެސް މި ޒިޔާރަތް ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!