ދިވެހީން، ދިވެހީންގެ ގޮތުގައި އެތައް ހާސް އަހަރަކު ދެމިތިބީ، ދިވެހިބަހުން ބަސްމޮށި އުޅޭތީކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރެވޭ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ފޮނުއްވި ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުގައި، ތާރީޚުން ދައްކާ ހަޤީޤަތަކީ ޒަމާނާއެކު ދިރުމާއި އާރޯކަން ނުލިބޭ ބަސްތައް އުވެމުންދާކަމެވެ. އަދި ދިވެހިބަހަށް މިފަދަ ހާލަތެއް ދިމާވިޔަ ނުދިނުމަށް ހުރިހާ ދިވެހިންގެ ހިންމަތާއި މިންނަތް ބޭނުންވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، ދިވެހިބަހުގެ ވުޒާރާއެއް އުފައްދައި، ދިވެހިބަހުގެ ޢިލްމީ ދިރާސާތައް ކުރުން އިތުރުކޮށް، ޒުވާން ޖީލު ފިކުރާވާނެ އައު ވިސްނުންތަކާއެކު ބަހަށް ޚިދުމަތްކުރުމަކީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތެވެ.
"ދިވެހީން، ދިވެހީންގެ ގޮތުގައި އެތައް ހާސް އަހަރަކު ދެމިތިބީ، ދިވެހިބަހުން ބަސްމޮށި އުޅޭތީކަން އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެއެވެ. ދިވެހިބަހަށް ވެވޭ ކޮންމެ އިހުމާލެއްގެ ސަބަބުން އަޅުވެތިކަމާއި ނިކަމެތިކަމުގެ ތެރެއަށް އަޅުގަނޑުމެން ގެންދާނެ މަގު ފަހިވާނެކަން ހުޝިޔާރުކަމާއެކު ދެނެތިބެން ވާނެއެވެ." ރައީސް މުޢިއްޒު ވިދާޅުވެފަވެއެވެ.
ދިވެހިބަހުގެ ދުވަހު، އެމަނިކުފާނުގެ އިޚްލާޞްތެރި އިލްތިމާސަކީ، ދިވެހިބަހުން ވާހަކަދެއްކުމަކީ އުފަލެއްކަމުގައި އަދި ފަޚުރެއްކަމުގައި އެންމެން ޤަބޫލުކުރުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
''އަމިއްލަ ބަހުގެ އަގާއި ޤަދަރު ދަރީންނަށް ވިސްނައިދިނުމެވެ. ދިވެހިބަހުގެ އަދަބިއްޔާތާއި ފަންނުތަކުގެ ތެރެއަށް ވަންނަ ހުނަރުވެރި ކުދީން ގިނަކުރުމެވެ. ދިވެހިބަހަށް އަހުލުވެރިވާނޭ މުބާރާތްތަކާއި، އެނޫން ހަރަކާތްތައްވެސް ސްކޫލް މަދަރުސާތަކާއި އޮފީސްތަކުގައިވެސް، އަދި ރަށްރަށުގައިވެސް އިތުރުކުރެއްވުމެވެ.'' ރައީސް މުޢިއްޒު ވިދާޅުވެފަވެއެވެ.
ދިވެހިބަހުގެ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ އޭޕްރިލް 14 ވަނަ ދުވަހުއެވެ. މި ދުވަހަކީ ދިވެހިބަހުގެ މުހިންމުކަން ހަނދާންކޮށް، ބަސް ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމުގެ އަޒުމު އާކުރާ ދުވަހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!