ޒަކާތު ފަންޑުން މަތީ ތަޢުލީމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާސިލްކުރުމަށް 50 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްތަކަކީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ހުޅުވާލެވުނު ފުރުސަތުތަކެކެވެ.
މީގެ ތެރެއިން ރާއްޖޭގައި ކިޔެވުމަށް 20 ފުރުސަތު އަދި ރާއްޖެއިން ބޭރުން 30 ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރާއްޖޭގައި ކިޔެވުމަށް ހުޅުވާލެވުނު ފުރުސަތުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާސްޓަރސް ކޯސްތަކަށެވެ. މީގެ ތެރޭގައި ޤުރުއާނިކް ސައިންސަސް، އިސްލާމިކް ރިވީލްޑް ނޮލެޖް، އިސްލާމިކް ފައިނޭންސް، ޝަރީއާ އަދި އިސްލާމިކް ސްޓަޑީސްގެ ދާއިރާތައް ހިމެނެއެވެ.
ރާއްޖެއިން ބޭރުން ކިޔެވުމަށް ހުޅުވާލެވުނު 30 ފުރުސަތުގެ ތެރެއިން 17 ފުރުސަތު ހުޅުވާލެވިފައިވަނީ މެލޭޝިއާ އަދި ބުރުނާއީގެ ޔުނިވަރސިޓީތަކަށެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުގެ ޔުނިވަރސިޓީތަކަށްވެސް ފުރުސަތު ހުޅުވާލެވިފައިވެއެވެ.
މި ސްކޮލަރޝިޕްތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މި ސްކޮލަރޝިޕްތަކުގެ މަޤްޞަދަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމެވެ. ސްކޮލަރޝިޕްތަކުގެ ތެރޭގައި ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން އަދި އެހެނިހެން އިސްލާމީ ދާއިރާތަކުގެ އިތުރުން މެޑިކަލް ދާއިރާގެ ބައެއް ސުޕަރ ސްޕެޝަލައިޒޭޝަންތަކަށްވެސް ފުރުސަތު ހުޅުވާލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!