ހދ. ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ފަހުގެ އަޕްޑޭޓް، އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ދީފިއެވެ.
އެމްޓީސީސީއިން މައުލޫމާތު ދިންގޮތުގައި ފިނޭ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ކުއޭ ވޯލް ބްލޮކް ލައިން އަދި ބަނދަރުގެ ބެސިން ހިއްކުމުގެ މަސައްކަތްތަކެވެ.
އެގޮތުން ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވަނީ ކުރިން ފުން ކޮށްފައެވެ.އަދި މި ސަރަހައްދު އަލުން ފުންކޮށް، 35،484.05 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމުގެ އިތުރުން 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށްވަނީ ހަމަޖހެިފައެވެ.
މީގެ އިތުރުން، 219 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތްކޮށް، 82 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހައި، 248 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 2،198.65 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށް، މަސައްކަތުގެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވަނީ 2022 އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މަސައްކަތުގެ އަގަކީ މުޅި ޖުމްލަ 44.5 މިލިއަން ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!