ހއ. އުލިގަމު ބަނދަރު މަޝްރޫޢޫ އާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
އުލިގަމު ކައުންސިލްގެ ފަރާތުން، އެރަށު ރައްޔިތުންނާއި މަޝްވަރާކުރީ، އުލިގަމު ބަނދަރު ހެދުމުގެ މަޝްރޫޢު 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވުމާއެކު، ޕްލޭނިންގ މިނިސްޓްރީން ބަނދަރާބެހޭ މަޢުލޫމާތު އެއްކުރުމަށްފަހު ޕްރިލިމިނަރީ ކޮންސެޕްޓެއްވަނީ ތައްޔާރު ކޮށް، އެކައުންސިލަށް ފޮނުވާފައިވާތީ، އެ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކޮށް ރައްޔިތުންގެ ޚިޔާލު ހޯދުމަށެވެ.

އެ ރަށު ކޮންސެޕްޓާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރުމަށް ބޭނުންވާތީ، ރައްޔިތުންނާއި ބައްދަލުކުރީ ރޭ 8:00 ގައި އެރަށު އިޖްތިމާއީ ހިޔާ އޭސީ ހޯލުގައެވެ.
ރޭގެ ބައްދަލުވުމާއި ގުޅޭގޮތުން އުލިގަމު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، އެ ކައުންސިލުން ރޭ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދީ، އެރަށު ބަނދަރުގެ އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ހިންގުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމެވި ގޮތުގެ ރިޕޯރޓް ރައްޔިތުންނާއި ހިއްސާ ކުރުމެވެ. އަދި އެ ރިޕޯޓަށް ރައްޔިތުންގެ ޚިޔާލު ހޯދުމާއި، އެ ކައުންސިލުން އެމްޓީޓީސީގެ ފަންނީ ބޭފުޅުންނާއި އެނޫންވެސް އެފަދަ މަސައްކަތްތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުން ހޯދި ފަންނީ ލަފާ ރައްޔިތުންނާއި ހިއްސާކުރުމެވެ.
ކައުންސިލާއި ރައްޔިތުންގެ ޚިޔާލާއެކު ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތްތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ލިޔުމުން ހުށަހަޅުއްވާނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
މިކަމާއި ގުޅިގެން އުލިގަމް ކައުންސިލް ނައިބު ރައީސް އިމާދު އަބުދު ﷲ ބުނުއްވީ، އެކައުންސިލުން އިސްކަން ދެއްވީ ރައްޔިތުންގެ ޚިޔާލާއެކު ކަންކަން ނިންމުމަށްކަމަށެވެ. ކޮންމެ ރައްޔިތެއްގެ ޚިޔާލުވެސް ބަލައިގަނެ، އެކަމަށް ކައުންސިލްގެ ބަސް އިއްވާނީ ރައްޔިތުންގެ ޚިޔާލާއި ފަންނީ މީހުންގެ ލަފާ ހިމަނައިގެންކަމަށްވެސް އިމާދު ބުނުއްވިއެވެ.
އުލިގަމަކީ ފަޅު ތިލަވެ ކުޑަ ވުމުގެ ސަބަބުން ދަތިތައް ކުރިމަތިވެފައިވާ ރަށެއްކަމަށާއި، ހުޅަނގު މޫސުމުގައި ފަޅުތެރެ ފަޅުގެ ބޭރަށްވުރެ ގަދަ ވުމުގެ ސަބަބުން ރައްޔިތުން ތަކުލީފު އުފުލާކަމަށް އޭނާ ބުނުއްވިއެވެ. އަދި އެރަށަކީ ސިޕޯޓެއް އޮންނަ ރަށަކަށްވެފައި، ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްވެސް ރަނގަޅު ބަނދަރެއް ވަރަށް މުހިންމުކަމަށްވެސް އެނާ ބުނުއްވިއެވެ.
މިހާރު އެރަށުގެ ބަނދަރުގެ ބޮޑުމިނަކީ 200 އަދި 300 ފޫޓެވެ. ބަނދަރު ތަރައްޤީ ކުރުމުން 257 އަދި 700 އަށް ބަދަރު ބޮޑުވެގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!