ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ/ފަހި ރޯދި، އަބުދުލް މާނިއު އަށް ތަމްރީނުގެ ތެރޭ އިއްޔެ އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، ސަރުކާރުން ދަނީ ވަރަށް ކައިރިން އޭނާގެ ހާލު ބަލަމުންކަމަށް ޚާރިޖީ ވަޒީރު އަބުދުﷲ ޚަލީލް މިރޭ ވިދާޅުވެއްޖެއެވެ.
މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނިން ހެެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް ދެވިގެން ބުރަފަތީގައި ޖެހިގެންނެވެ.
މާނިއުއަށް ލިބުނު އަނިޔާގައި ޒަޚަމްވެގެން މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
މި ހާދިސާއާއި ގުޅިގެން ޚާރިޖީ ވަޒީރު އެކްސްގައި ލިޔުއްވާފައިވާގޮތުގައި، ވަޒީރު މިއަދު ވަނީ މާނިޢުގެ ބައްޕަ، އާމިރު އާ ފޯނުން ގުޅާ ދަރިވަރުގެ ޙާލަތާ ގުޅޭގޮތުން އޮޅުން ފިލުއްވާފައެވެ.
ދަރިފުޅުގެ މަންމައާއި ބޭބެ ފިލިޕީންސް އަށް މިހާރު ދެވިއްޖެ ކަމަށާއި މާތްﷲގެ ވާގިފުޅާއެކު ދަރިފުޅު ރަނގަޅުވަމުން އަންނަ ކަމަށް މާނިއުގެ ބައްޕަ ބުނެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހަނިމާދޫ ކުއްޖަކަށް އަނިޔާވެގެން ފަރުވާދެނީ
’’ފޮރިން މިނިސްޓްރީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅުއްވާ ދަރިފުޅުގެ ޙާލު އޮޅުންފިލުއްވިކަމަށާއި, ސަރުކާރުން މިހާ ގާތުން މިކަން ބަލަމުން ގެންދާތީ އުފާކުރައްވާކަމަށް ވިދާޅުވި. އަދި ފިލިޕީންސް ގައި ތިބި ކިޔަވާ އެހެން ދަރިވަރުންގެ ފަރާތުން މިފަދަ ވަގުތެއްގައި ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމާ ޝުކުރުވެރިވާ ކަމަށް ވެސް ވިދާޅުވި.’’ ވަޒީރު ލިޔުއްވާފައިވެއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ޙާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ސަރުކާރުން ގެންދަނީ ދަރިވަރުގެ ޙާލު ވަރަށް ކައިރިން ބަލަމުންނެވެ.
މި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކާ ގުޅިގެން އިއްޔެ ވަނީ މާނިއުގެ ސާޖަރީއެއް ހަދާފައެވެ. އޭގެ ފަހުން އައިސީޔޫގައި ބޭއްވުމަށް ފަހު މިއަދު ވެސް ސާޖަރީއެއް ހަދާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!