ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އެ ސިޓީގެ އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ބޭއްވި ދަނޑުވެރިކަމާއި ގުޅޭ ތަމްރީނު ޕްރޮގްރާމު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ކުޅުދުއްފުށި ސިޓީގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީންނާއި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޕްރައިމް މޯލްޑިވްސް އާއި ގުޅިގެންނެވެ.

Ad
rt

މި ޕްރޮގްރާމް ނަންގަވައިދީ ކުރިއަށް ގެންގޮސްފައިވަނީ ޕްރައިމް މޯލްޑިވްސް ގެ ފަރާތުން މުޙައްމަދު ޒާހިދު އަދި ނިޔާޒް އިބްރާހިމްއެވެ.

ތިން ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ މައުލޫމާތުތަކަކާއި ދަނޑުވެރިކަމަށް ބޭނުންވާ ހާއްސަ އުކުޅުތައް ދަސްކޮށްދެވޭނެކަމުގެ ޔަގީންކަމާއިއެކު މި ޕްރޮގްރާމް ބާއްވާފައި ވަނީ އޭޕްރީލް 8 ކުން 10 އަކަށެވެ.

ކުޅުދުއްފުށީގެ އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ބޭއްވި ދަނޑުވެރިކަމާއި ގުޅޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިން، ފޮޓޯ: ކުޅުދުއްފުށި އ.ތ.މ ކޮމިޓީ

އެގޮތުން މުޅި ޖުމްލަ 19 ބޭފުޅުން މި ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމުގައި ދަސްކޮށްދެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ތަފާތު އެކި ވައްތަރުގެ ގަސް އިންދާ ހައްދާނެގޮތާއި، ފެނުގައި ގަސްހައްދައި، ދެމެެހެއްޓެނިވި ގޮތަށް ދަނޑުވެރިކަން ކުރާނެގޮތާއި، ގަހަށް ޖެހޭ ބަލިތައް ދިރާސާކޮށް ބައްޔަށް ހައްލު ހޯދުމުގެ އިތުރުން މިކަމުގައި ތިމާވެށްޓާއި ސިއްހަަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ގޮތް ހިމެނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ހަދީޖާ މޫސާ "ތިލަދުން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ، ދަނޑުވެރިކަމަށް ޝައުގުވެރިވާ މީހުން ކުޅުދުއްފުށިގައި ވަރަށް ގިނަ ނަމަވެސް، ދަނޑު ހައްދާނެ ބިމުގެ ދަތިކަން ހުރުމުގެ ސަބަބުން ދަނޑުވެރިކަން ކުރިއަރުވާނެ މަގު ވަނީ ބަންދުވެފައިކަމަށެވެ. މި ކަން މިގޮތަށް އޮތްކަމުގައިވިއަސް ދަނޑުވެރިކަން ކުރަން ޝައުގުވެރިވާ އަންހެން ބޭފުޅުންނަށް ދާއިމީ ގޮތުގައި ބިން ހަމަޖައްސައިދޭން ގަސްތުކުރާކަމަށްވެސް ހަދީޖާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތާނގަވެސް އަންހެނުން ބާރުވެރި ކުރުވުމަށް މިފަދަ ތަފާތު ޕްރޮގްރާމްތައް ބާއްވާނެކަމުގެ ޔަޤީންކަން ހަދީޖާ އަރުވާފައިވެއެވެ.