ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ފަސޭހަކޮށްދިނުމަށް އެ ކުދިން ތިބޭ ޤައުމުތަކަށް ޚާއްޞަ ވަޓްސްއަޕް ބިޒްނަސް ނަންބަރުތަކެއް ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރަށް ކުރަށްވާ ދަތުރުފުޅުތަކުގައި ވަގުތު ވީވަރަކުން އެ ގައުމުތަކުގައި އުޅޭ ދިވެހި ދަރިވަރުންނާއި ބައްދަލުކުރަށްވައި، ދަރިވަރުންގެ ހާލު ބައްލަވައި، ކަންބޮޑުވުންތަކާއި ދަތިތައް އަޑުއައްސަވާ ކަމަށެވެ.
މިގޮތުން ސަރުކާރުގެ ލޯން ސްކީމްގެ ދަށުން ސްކޮލަރޝިޕްގައި ކިޔަވާ ކުދިންގެ މައިގަނޑު ޝަކުވާއަކީ، އެ ކުދިންގެ މެއިލްތަކަށް ޖަވާބުދިނުން ލަސްވުން ކަމަށެވެ.
’’އޭގެތެރެއިން ބައެއް ކުދިން މި ބުނަނީ، ޕޭމަންޓް، މިސާލަކަށް، ސްޓައިޕެންޑް، ނޫނީވިއްޔާ ޔުނިވަރސިޓީއަށް ދައްކާ ޓިއުޝަން ފީ ލަސްވާ ވާހަކަތައް. ދެން ހަމަ އެއީ، ވަރަށް ރަނގަޅު ވާހަކަތަކެއް. އަޅުގަނޑަށް ހަމަ މިކަން ކޮންމެ ދިމާއަކުންވެސް އަޑުއިވޭ. ދެން މިހާރު ކަމާބެހޭ މިނިސްޓަރު، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރާއި، އަދި ފިނޭންސް މިނިސްޓަރަށްވެސް ދަންނަވާފައި އޮންނާނީ. ދެ ކަންތައް މީގައި މިއޮތީ.’’ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުދިން އެދޭ އެއްކަމަކީ ކޮމިއުނިކޭޝަން އިޝޫ ޙައްލުކުރުން ކަމަށެވެ. އެކަން ޙައްލުކުރާނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ކަމަށް ރައީސް ވިދާޅުވިއެވެ.
’’ދެން މިއޮތީ ފައިސާ ދޫކުރުން. މި ދެ މިނިސްޓަރުންގެވެސް ކޯޑިނޭޝަނާ އެކީގައި ހިނގާ ކަމެއް. އެހެންވީމާ، އެކަން ޙައްލުކުރަން މިހާރުވާނީ ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައި.’’ ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، ބޭރުގައި ތިބޭ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ސްކޮލަރޝިޕް ދީގެން ބޭރުގައި ކިޔަވާ ކުދިން ތިބޭ ޤައުމުތަކަށް ޚާއްޞަކޮށްގެން، ކޮންމެ ޤައުމަކަށް ޚާއްޞަ ވަޓްސްއަޕް ބިޒްނަސް ނަންބަރެއް ނަގަން ވަނީ ނިންމަވާފައެވެ.
’’ކޮންމެ ޤައުމަކަށް ޚާއްޞަ އިނގޭތޯ. ދެން ގާތްގަނޑަކަށް ދިހަވަރަކަށް ޤައުމުގައި މި ކިޔަވަނީ. ދެން އެއަށްވުރެ ގިނަވިޔަސް މައްސަލައެއް ނެތް. ކޮންމެ ޤައުމަކަށް ޚާއްޞަ ވަޓްސްއަޕް ބިޒްނަސް ނަންބަރެއް ނަގާނެ. ދެން އެ ނަންބަރު މެނޭޖް ކުރާނެ ވަކި ޚާއްޞަ ސްޓާފެއް ހަމަޖައްސާނެ.’’ ރައީސް ވިދާޅުވެފަވެއެވެ.
އެހެންކަމުން މި މެކޭނިޒަމް ރޭވުމަށް މިހާރު ވަނީ މިނިސްޓަރާ ޒިންމާ ހަވާލުކުރަށްވާފައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!