ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލްއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 3-0 ގެ ތަފާތު ބޮޑު ނަތީޖާއިން އާސެނަލުން ކާމިޔާބުކޮށް ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.

ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާސެނަލްގެ ފަރާތުން ވަނީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން ވަނީ ރެއާލުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

Ad
rt

މެޗުގައި އާސެނަލުން ލީޑުނެގީ، 58 ވަނަ މިނިޓްގައި ރައިސް ކާމިޔާބުކުރި ހިލޭ ޖެހުމުންނެވެ. ރެއާލުގެ އޭރިއާ ކުރިމަތިން ލިބުން ހިލޭޖެހުން ރައިސް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ރެއާލުން އަޅާފައިވާ ވޯލުގެ ބޭރުން ބޯޅަ އެނބުރިގެން ގޮސް ގޯލުގެ ކަނަށެވެ. މި ހަމަލާ ހުއްޓުވުމުގައި ރެއާލުގެ ކީޕަރަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

އާސެނަލުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. ރެއާލުގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ރައިސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ދެ ލަނޑުގެ ލީޑެއް ލިބުނުތާ ފަސް މިނިޓް ފަހުން، މެރީނޯ ވަނީ އާސެނަލަށް ތިންވަނަ ލަނޑު ޖަހައިދީފައެވެ.

މުޅި މެޗުގައި ވެސް ރެއާލުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ދަށް ކުޅުމެކެވެ. އެ ޓީމަށް ލަޑުޖަހާނެ މާއެދެވޭ ފުރުސަތެއް މެޗުގައި ހޯދިފައިނުވެއެވެ.

މިއީ ވާދަވެރި މުބާރާތެއްގައި ރެއާލާއި އާސެނަލްގެ ދެ ވަނަ ކުރިމަތިލުމެވެ. މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލުކުރީ 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައެވެ. އެ ފަހަރު އާސެނަލުން ވަނީ ރެއާލް ދަނޑުގައި 1-0 އިން ހޯދި މޮޅާ އެކު، އެގްރިގޭޓުގައި ވެސް އެ ނަތީޖާ އިން ކުރިހޯދައިފައެވެ. އެ އަހަރު އާސެނަލް ފައިނަލުގައި ބަލިވީ ބާސެލޯނާ އަތުންނެވެ

މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު އަންނަ ހަފްތާ ބުދަ ދުވަހުގެ ރޭ އޮންނާނީ ރެއާލުގެ ދަނޑުގައެވެ. ސެމީ ފައިނަލުން ފުރުސަތު ހޯދަން ބޭނުންނަމަ ރެއާލުން ހަތަރު ލަނޑުގެ ފަރަގަކުން މޮޅުވުން މަޖުބޫރެވެ.