2024 ވަނަ އަހަރު ސައޫދީގެ ކުޅިވަރު އިވެންޓްތައް ބެލުމަށް 14 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ސައޫދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ޕްރިންސެސް ހައިފާ އަލް-ސައުދު ވިދާޅުވީ 2024 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވުނު ކުޅިވަރު ހަރަކާތްތަކަށް 14 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، ޖުމްލަ 22 ބިލިއަން ސައުދީ ރިޔާލުގެ ޚަރަދު ކޮށްފައިވާ ކަމަށެވެ.

Ad
rt

ރިޔާދުގައި ބޭއްވުނު 2025 ސްޕޯޓްސް އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޕްރިންސެސް ހައިފާ ވިދާޅުވީ، ސައޫދީ އަރަބިއްޔާގެ ފަތުރުވެރިކަމުގައި ކުޅިވަރުގެ ދައުރު އިތުރުވަމުން އަންނަ ކަމަށެވެ. އަދި ކުޅިވަރު ހަރަކާތްތައް ބަލަން 160 އަށްވުރެ ގިނަ ގައުމުތަކުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"ކުޅިވަރު ފަތުރުވެރިކަމާއި ކުޅިވަރު ހަރަކާތްތަކުން ލިބޭ ފުރުސަތުތަކަކީ ނުހަނު ގިނަގުނަ ފުރުސަތުތަކެއް. ސައުދީ އަރަބިއްޔާއަށް އައިސް މި ޤައުމު ދެނެގަތުމަށް މީހުން ވަރަށް ބޮޑަށް ބޭނުންވޭ،" ޕްރިންސެސް ހައިފާ ވިދާޅުވިއެވެ.

ޕްރިންސެސް ހައިފާ އިތުރަށް ވިދާޅުވީ، 2034 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ނިންމާފައިވާކަން އިއުލާނުކުރުމާ ގުޅިގެން، ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގުމަށް ލައިސަންސަށް އެދޭ ފަރާތްތައް 390 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

މި ކުޅިވަރު ހަރަކާތްތަކުގެ ސަބަބުން ސައޫދީ އަރަބިއްޔާގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމުގެ ނަން މަޝްހޫރުވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.