މި ދައުރުގައި ސައޫދީ-ރާއްޖެ ގުޅުން ވަނީ އިތުރަށް ވަރުގަދަވެފައި ކަމަށާއި، ސަޢޫދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ބޭނުންފުޅުވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ މަތްރެކް ބިން ޢަބްދުﷲ އަލް-އަޖާލީން އަލްދޮސާރީ ރައީސް މުޢިއްޒުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ، ސަޢޫދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ، މިދިޔަ މެއި މަހު އެ މަނިކުފާނު ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި، ސަޢޫދީ ސަރުކާރުން ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރަށްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!