ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ގެނައީ އެމްޑީޕީން ނޫން ކަމަށާއި އެ ނިޒާމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ގާނޫނަކުން ފާސްކުރި ނިޒާމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީއަށް މެންބަރުންތަކެއް ސޮއި ކުރަން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، ލާމަރުކަޒީ ވުޖޫދަށް ގެނައީ އެމްޑީޕީން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުމަށް އެމްޑީޕީން ވާހަކަ ދެއްކި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރައީސް މައުމޫންގެ ވެރިކަމުގައި ތަސްދީގު ކުރެއްވި ފެހި ގާނޫނު އަސާސީގައި، އޭރުގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 122 މެންބަރުންގެ ތެރެއިން މައުމޫނަށް ތާއީދުކުރެއްވި 84 މެންބަރުން ވޯޓް ދެއްވައިގެން ފާސްކުރި ގާނޫނެއް ކަމަށެވެ.
އެހެންކަމުން ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ހިންގަން ގާނޫނު އަސާސީގައި ލިޔެވުނީ އެ މެންބަރުންގެ ވޯޓާއެކު ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ރާއްޖެ ގެނައުމުގެ ޝަރަފު އޮތީ ރައީސް މައުމޫނަށް ކަމަށާއި އެނިޒާމު ގެނައީ ވަކި ބައެއް ކަމަށްބުނެ ވާހަކަދެއްކުމުގެ ހައްގު އެއްވެސް ފަރާތަކަށް ނެތް ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި، އެ ނިޒާމުގެ ދަށުން ބަަޔަކު މިހާތަނަށް މާ މޮޅުކޮށް ކަމެއް ކޮށްދީފައިވެސް ނެތް ކަމަށެވެ.
"ރައީސް މައުމޫން ބޭނުންފުޅު ނުވިނަމަ އެ ދުވަހު ލާމަރުކަޒީ ނިޒާމުން ހިންގުމަށް ލިޔެވިގެން ދިޔައީސްތޯ ނުވަތަ މި ގާނޫނު އަސާސީގައި އެ ގޮތަށް ލިޔެވިގެން ދިޔައީސްތޯ، ނޫން ނުދިޔައީސް. އިހްލާސްތެރި ކަމާއެކު ތެދުވެރި ކަމާއެކު ބުނާ ބަހެއް ބުނަން ޖެހޭނީ." ގާސިމް ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީންވެސް އެނިޒާމު ގެނައުމަށް ތައުރީފު ހައްގު މަސައްކަތްޕުޅެއް ކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ.އެހެންކަމުން އެފަދަ ހުރިހާ ބޭފުޅުންގެ މަސައްކަތްތައް ފޮރުވައި، އިންތިހާބު ކާމިޔާބު ކުރަން ހަގީގަތެއް ނެތް ވާހަކަތައް އެމްޑީޕީން ނުދެއްކުމަށް ގާސިމް ގޮވާލެއްވި އެވެ.
މީގެއިތުރުން ގާސިމް ވަނީ، ކޯލިޝަނަށް ބައި އަޅަންޖެހޭތީ ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ނުދެވިގެން އުޅޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށްވެސް ރައްދު ދެއްވައިފައެވެ.
އެގޮތުން ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ މިންވަރަށް ރައްޔިތުންނަށް ހިދުމަތް ނުދެވެނީ އެމަނިކުފާނު ނިސްބަތްވާ އަދި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށެވެ.
ޤާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ، އިންތިޚާބަކާއި ގުޅިގެންވެސް ވަރަށް ގިނަ ވާހަކަތައް ތަފާތު ގޮތް ގޮތްގޮތަށް ދައްކާނެ ކަމަށާއި ވަރަށް ގިނަ ވައުދުތައް ވެސް ވާނެ ކަމަށެވެ. ނަމަވެސް އިންތިޚާބު ނިމުމުން އެކަންކަން ފުރިހަމަކޮށްނުދެވި ހުންނަތަން ރައްޔިތުންނަށް އަބަދުވެސް ފެންނަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!