ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި އެ ރަށަށް ޖަނަރޭޓަރ ސެޓެއް ގެންގޮސްފިއެވެ.
ކުޅުދުއްފުށީ ފެނަކައިން ބުނީ އެ ސިޓީގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން 1.2 މެގަވޯޓްގެ ޖެންސެޓެއް މިއަދު ލިބިފައިވާ ކަމަށެވެ.
މެދު ނުކެނޑި ރައްތިތުންނަށް ކަރަންޓް ފޯރުކޮށް ދިނުމަށް އެ ރަށު ފެނަކައިގެ މުވައްޒިފުން ކުރައްވަމުންގެންދާ މަސައްކަތް ފާހަގަކޮށް ކުޅުދުއްފުށި ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކުޅުދުއްފުއްޓަށް މިއަދު ލިބުނު ޖެންސެޓްގެ ސަބަބުން އެ ރަށަށް ކަރަންޓް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ފެނަކައިން ދެކެއެވެ.
ކަރަންޓުގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ފެނަކައިގެ މެނޭޖްމެންޓުން ދެއްވާ ހާއްސަ އަހައްމިއްޔަތަށާއި އަޅުއްވަމުންގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގައި ވަނީޝުކުރު އަދާކޮށްފައެވެ.
ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ފާއިތުވި އަހަރުގެ ތެރޭ ދެފަހަރެއްގެ މަތީން ވަނީ ޖަނަރޭޓަރު ގެންގޮސްފައެވެ. މިގޮތުން އެ އަހަރުގެ ޖޫން މަހު 1.2 މެގަވޮޓް އިންޖީނަކާއި 800 ކިލޯވޮޓްގެ އިންޖީނެއް އަދި އެ އަހަރުގެ އޭޕްރިލް މަހު 600 ކިލޯވޮޓްގެ ދެ އިންޖީނާއި 800 ކިލޯވޮޓްގެ އިންޖީނެއް ވެސް ވަނީ ގެންގޮސްފައެވެ. މިއަދު ގެންދިޔަ އިންޖީނާއިއެކު އެ ރަށަށް ކަރަންޓް ދިނުމަށް މިހާރު ބޭނުންކުރާ އިންޖީނުގެ އަދަދު ވަނީ 11 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!