ކުޅުދުއްފުށި ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި އެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިރޭ ވިދާޅުވީ ކުޅުދުއްފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މިރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށާއި އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އެއީ އުމުރުން 34 އަހަރުގެ ފިރިހެނެއްކަމަށެވެ.
އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭތެރޭގެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައެއްގައި އޭޕްރިލް 2 ވަނަ ދުވަހު ހައްޔަރުކުރި މީހެއް ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވި އެވެ.
"މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއެކު ކަމާ ބެހޭ މައުލޫމާތުތައް ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކޮށްފައިވާނެ"
ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ތަހުގީގުކުރަން ފުލުހުންގެ މޭޖާ ކްރައިމްސް ޑިޕާޓްމަންޓުގެ ފުލުހުންގެ ޓީމެއް ކުޅުދުއްފުށްޓަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ޓީމުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ ކުރިންވެސް ކުޅުދުއްފުށީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!