އަމިއްލައަށް ރޯދަ އިޢުލާންކުރުމާއި ޢީދު އީދު އިއުލާންކުރުމަކީ މަސްލަޙަތު ގެއްލިދާނެކަމެއްކަމަށާއި، މިކަމަށް ސަމާލުވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އިލްތިމާސްކުރަށްވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ތަރިރުހަނދާއި ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއްނޫން ކަމަށެވެ. ނަމަވެސް މިކަން ކުރަންވާނީ ޢާއްމު މަޞްލަޙަތަށް އަސަރުނުކުރާގޮތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad
rt

''ޚާއްޞަކޮށް ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުޢީ އަޙްކާމްތަކެއް ތަރުތީބުވާކަންތައްތަކެއްކަމުން މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކުއުފެދޭގޮތައް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަޞްލަޙަތު ގެއްލިދާނެކަމެއް.'' ވަޒީރު ވިދާޅުވެފަވެއެވެ.

ވަޒީރު ވިދާޅުވިގޮތުގައި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން، ޝަރުޢީހަމަތަކާއި، ރާއްޖޭގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުޞޫލުތަކުގެ މަތިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެއެވެ.

''އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލައަށް ރޯދަ އިޢުލާންކުރުމާއި ޢީދު އީދު އިއުލާންކުރުމަކީ މަސްލަޙަތު ގެއްލިދާނެކަމެއް. ވީމާ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަން.'' ވަޒީރު ވިދާޅުވެފަވެއެވެ.

ވަޒީރު މިފަދައިން އިލްތިމާސްކުރެއްވިއިރު، ފަލަކީ އިލްމުގައި ވެސް ފާހަގަކޮށްލެވޭ ޢިލްމްވެރިޔާ، ކުރީގެ ރައީސް މައުމޫން އާއި ޤައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދު ވަނީ މިއަހަރުގެ އީދު ދުވަސް ދިމާވާނެ ދުވަހާއި މެދު ދެބޭފުޅުން ޚިޔާލު ފާޅުކުރަށްވާފައެވެ.

މި ދެ ބޭފުޅުންގެ ޚިޔާލާއި ގުޅިގެން މީސް މީޑިއާގައި ބަހުސެއް ފެށިފައިވާއިރު، އެކަށޭނަ ނޫންގޮތަށް މި ބޭފުޅުންގެ ފޮޓޯ ބޭނުންކޮށް ޕޯސްޓްތައް ވެސް ދަނީ ދައުރު ކުރަމުންނެވެ.

ޝައްވާލު މަހުގެ ހަނދު ބެލުން މިރޭ އޮންނާނެއެވެ. ހަނދު ސާބިތުކުރުމާމެދު ގޮތް ކަނޑައަޅާނީ އެކަމަށް ބާއްވާ ހަނދު ސާބިތުކުރުމުގެ ޖަލްސާގައެވެ.