ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގޓާން ސިނޮވަޓްރަ އަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި މިޔަންމާއަށް 7.7 މެގްނިޓިއުޑާއި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާ އާއި ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގެ އެހެން ހިސާބުތަކަށް ވެސް މި ބިންހެލުމުގެ އަސަރު އިހުސާސް ކުރެވިފައިވާ ކަމަށް ބައިނަލް އަގްވާމީ މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ.

Ad
rt

މި ބިންހެލުމާއި ގުޅިގެން ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، މި ނުރައްކާތެރި ކާރިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ގެއްލުން ލިބުނު މީހުންނަށް އިޚް އިޚްލާސްތެރިކަމާއެކު ޙަމްދަރުދީ ފާޅުކުރައްވާފައިވެއެވެ. އަދި ގެއްލިފައިވާ މީހުން ހެޔޮޙާލުގައި ތިއްބާ ފެނުމަށާއި، ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ.

މި ދަތި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތައިލެންޑްގެ ރައްޔިތުންނާ އެކުގައިކަން ރައީސް މުޢިއްޒު ހާމަކުރައްވާފައިވެއެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި، ގެއްލުން ލިބުނު ސަރަހައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށްދާނޭކަމަށް އުއްމީދުކުރައްވާކަމުގައިވެސް ވިދާޅުވެފައިވެއެވެ.

މި ބިންހެލުމާއި ގުޅިގެން ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުއްލި ހާލަތު ޢިއުލާންކޮށްފައިވާއިރު، އާންމު ދަތުރުތަކުގައި ހިމެނޭ ބީޓީއެސް، އެމްއާރުޓީ އަދި އެކްސްޕްރެސް ރޭލްގެ ޚިދުމަތް މާދަމާއާއި ހަމައަށް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް އެއާޕޯޓުތައް އާންމު ހާލަތުގައި ދަނީ އޮޕަރޭޓް ކުރަމުންނެވެ.