މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ބޭންކުތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވިގޮތުގައި މިއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށްވުރެ 40 އިންސައްތަ އިތުރު އަދަދެކެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޑޮލަރު މާރުކުރުމަށް އޮތް ޤާނޫނާ އެއްގޮތަށް ގިނަ ފަރާތްތައް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
"މިހާރު އޮތް ޑޮލަރު މާރުކުރުމާ ގުޅޭ ޤާނޫނުގެ ދަށުން، ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ ފަރާތުން ޑޮލަރު މާރުކުރަމުންދޭ. އަދި ބާކީ ފަސް އިންސައްތަވެސް މީގެތެރެއަށް ވެއްދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ކާމިޔާބީގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެއަދަދު 1000 ޑޮލަރަށްވުރެ އިތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ކުރިއެރުމާއެކު ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޓީ.ޓީ ހެދުމަށް އިތުރަށް ފުރުޞަތު ފުޅާވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ބޭންކަށް ޑޮލަރު މާރުކުރުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅަށް ކުރެއްވުނުކަމެއް. މިކަމުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރަން. މިއީ އެންމެހާ ރައްޔިތުންނަށް ފައިދާވާނެ، ކުރިއެރުން ލިބޭނެ ކަމެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށްއޮތްތާނގައި ޑޮލަރުގެ އަގު ތިރިވަމުންދާނެ ކަމަށާއި ޑޮލަރުގެ ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތައް ޑޮލަރުގަތުން މަދުކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!