ހއ. އުލިގަމުގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު އޮފީސް އިމާރާތެއް އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

އުލިގަމުގައި ޒަމާނީ ވަސީލަތްތަކާއެކު އައު އިމިގްރޭޝަން އޮފީހެއް އިމާރާތްކުރުމަށް އެމްޓީސީސީ އާއި އިމިގްރޭޝަނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަދި ރިޓަޔަރޑް ޗީފް އޮފް ޕޮލިސް އަޙްމަދު ފަސީޙްއެވެ.

Ad
rt

މިކަމާއި ގުޅިގެން އިމިގްރޭޝަނުން ބުނީ، އުލިގަމުގައި އެ އިދާރާގެ އައު އޮފީހެއް އަޅަން ނިންމީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާއި ގުޅިގެން، ބޭރު ޤައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމަށާއި، އުލިގަމުގައި އިމިގްރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ.

''މިހާރު އުލިގަމުގައި ދެ އިމިގްރޭޝަން އޮފިސަރުން މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ސީޕޯޓުގެ ޚިދުމަތްތައް. ނަމަވެސް، މި އައު އިމާރާތް ޤާއިމުކުރެވުމާއެކު، ޕާސްޕޯޓު އަދި ވިސާ ފަދަ އެހެނިހެން އިމިގްރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްޤީވެގެންދާނެ، މި އެއްބަސްވުމުގެ ދަށުން އުލިގަމުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފުޅާކޮށް، އެ ސަރަޙައްދުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރެވިގެންދާނެ'' އިމިގްރޭޝަނުން ބުނެފަވެއެވެ.

އުލިގަމަކީ އުތުރުގެ ބަންކަރިން ޚިދުމަތް ފޯރުކޮށްދިނުމަށް މައި ވަސީލަތްތައް ޤާއިމުކޮށްފައިވާ ރަށް ކަމަށްވުމުގެ އިތުރުން ކޮންމެ އަހަރަކުހެން އެރަށަށް ގިނަ އަދަދެއްގެ ޓޫރިސްޓް ޔޮޓްތައް ބަނދަރުކުރަމުންއާދެވެ.