ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލުކަން މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ ޢިލްމީ ތަމުރީނުތަކެއް މި އަހަރު ފައްޓަވާނެކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ހއ.ކެލާ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، އަމިއްލައަށް ދާރުލްއާސާރުތައް ނުވަތަ ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލްކަން ލިބިފައިވާ މީހުން ރާއްޖޭގެ ހުރިހައި ރަށެއްގައި ތިބުން މުހިންމު ކަމަށެވެ.
ވަޒީރުގެ ވާހަކާގައި، ވުޒާރާގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ރަށްވެހި އާސާރުތައް ބިނާކުރުމުގެ އަމާޒު ޙަޤީޤަތަކަށް ހެދުމަށް ޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިފައިވާ ދިވެހި ނެޝަނަލް އައިޑެންޓިޓީގެ މަފްހޫމުތަކާ އެއްގޮތަށް، ދާރުލްއާސާރުތައް އެކަށައެޅުމާއި ބެލެހެއްޓުމުގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން މުޅި ރާއްޖެއަށް އާންމުކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.
އެކިއެކި ސަފީރުންނާއި، އެކިއެކި ޤައުމުތަކުގެ ކަމާބެހޭ އިސްފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކުން މި ތަމުރީނުތައް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ފުރުސަތު ފަހިވެފައިވާކަން ފާހަގަކުރަށްވައި، މިގޮތުން މިދިޔަ އަހަރު މިކަމާ ގުޅޭ ދާއިރާއިން ވުޒާރާގެ ބޭފުޅުން ބައެއް ތަމްރީނުތައް ފުރިހަމަކޮށްފައިވާ ކަމަށާއި މިއަހަރުވެސް ތަމުރީނުތަކަށް ފުރުޞަތު ލިބިފައިވާކަން ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު މިކަމާ ގުޅުން ހުރި ތަމުރީނުތައް ހޯއްދެވުމަށް ވުޒާރާގެ ދެ މުވައްޒަފުން ޗައިނާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ތަމުރީނުތައް ފުރިހަމަކުރުމަށް ފަހު ކުރިއަށް އޮތް 3 މަސް ދުވަސް ތެރޭގައި ޢިލްމީ ތަމުރީނުތައް މުޅި ރާއްޖެއަށް ހިންގަން ފެށޭނެކަމުގައި ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ވުޒާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް ނެޝަނަލް އައިޑެންޓިޓީ ނުވަތަ ޤައުމިއްޔަތު މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ފަރުދީ ފެންވަރުގައްޔާއި، ޖަމާއަތުގެ ފެންވަރުގައްޔާއި އަދި ރަށު ފެންވަރުގައި އެކި ބާވަތުގެ އާސާރުތައް ތަޢާރަފުކުރުމުގެ ޤާބިލުކަން އުފެއްދުމަކީ ކުރައްވާނެ މަސައްކަތެއްކަމުގައި ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ތާރީޚާއި ސަގާފަތް ދަމަހައްޓައި، ކުރިއަރުވައި އަދި ޒުވާން ޖީލުތަކަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށަކީ ވެސް އަމިއްލަ ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް ބަލަހައްޓާ، އެކަމުގެ މުހިންމުކަން ދަނެ އަގުވަޒަންކުރާ ރަށްތަކަކަށް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ،
ވަޒީރު އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. ރަށްރަށުގައި ހުންނަ އާސާރީ ތަންތަނާއި ތަކެތި ބަލައި ދިރާސާކުރުމަށް ޝައުޤުވެރިވާ ފަތުރުވެރިން އިތުރުވެ، އެކި ރަށްރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!