ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯދުމަށް ތައްޔާރުކުރަމުންދާ އައު އިމާރާތް މިއަދު ބައްލަވާލައްވައިފިއެވެ.

މި އިމާރާތަކީ ހުޅުމާލޭގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން، ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ވަގުތީ ޙައްލެއް ހޯދައިދިނުމަށް ތައްޔާރުކުރަމުންދާ އިމާރާތެކެވެ.

Ad
rt

ރައީސް މުޢިއްޒުގެ މި ޒިޔާރަތުގައި، އިމާރާތުގެ ޕްލޭންތައް ބައްލަވާލައްވައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސް ބޭފުޅުންނާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރުގެ އަރިހުން މަޝްރޫޢުގެ ކުރިއެރުންތައް އޮޅުންފިލުއްވާފައިވެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު ވަނީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުންކަމުގައި ފާހަގަކުރައްވާފައެވެ. އަދި މިކަމަށް ޙައްލު ހޯދުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ރައީސްގެ މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ޝަރުޢީ ދާއިރާގެ އިސްބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.