ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އިންޒާރު ދީފިއެވެ.
ބްރޯޑްކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ބްރޯޑްކާސްޓް ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްއާއި ގައިޑްލައިންތަކާ ތަޢާރުޟުވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ކަމުގެ މަޢުލޫމާތު ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ބްރޯޑްކޮމްއިން އިތުރަށް ބުނެފައިވަނީ، މިފަދަ ކޮންޓެންޓް ތަޙްޤީޤުކޮށް، އެފަދަ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ފުރިހަމަ އިޚްތިޞާޞް ކޮމިޝަނަށް ލިބިގެންވާ ކަމަށާއި، ކޮމިޝަނުގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓް ބަލައި، ޤާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
މީގެއިތުރުން، ޤާނޫނުއަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުންދާ އެންމެހައި ޤާނޫނުތަކަށް އިޙްތިރާމްކޮށް، އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމްއިން އިލްތިމާސްކޮށްފައިވެއެވެ.
ބްރޯޑްކޮމްއިން މިފަދަ އިންޒާރެއް ދީފައިވަނީ، ޓީވީގެ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްކޮށް ފުރައްސާރަކުރުމުގެ އިބާރާތުން ވާހަކަ ދައްކާފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!